މޫދުވިނަ ވަރަށް މުހިންމު!

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް

ފަރުތަކާއި ކުޅިތައް ހިމާޔަތްކުރަން ޖެހެއެވެ. އެއީ އެތަކެއް ދިރޭ ތަކެތީގެ ދިރިހުރުމާ ގުޅިފައިވާ ތަންތަނެވެ. ކަނޑުއަޑީގެ ދިރުންތަކާއި ދޫނިސޫފާސޫތްޕަށް އެތަންތަން މުހިންމެވެ. އެތަކެތީގެ ދިރިހުރުމާއި ކާނާއާ އެ ތަންތަން ގުޅިފައިވެއެވެ.

ހަމަ އެ ފަދައިން ކަނޑުއަޑީގެ އެތަކެއް ދިރުންތަކަކަށް މުހިންމު އެއް "ވާސަ" ނުވަތަ ދިރިއުޅޭ ތަނަކަށް އަހަރެމެން އިހުމާލު އެބަ ވަމުއެވެ. "ސާފު ކުރުމުގެ" ނަމުގައެވެ.

ސީ ގްރާސް ނުވަތަ މޫދުވިނައަކީ ބަލާލަން ހުތުރު އެއްޗެއް ކަމަށް ގިނަ ރިސޯޓުތަކުންނާއި މީހުންވެސް ދެކެއެވެ. އެގޮތް ގަބޫލުކޮށް، ރިސޯޓު އޮންނަ ރަށުގެ ފަޅުތެރެއިން މޫދުވިނަ ނޮޅައި، "ސާފު"ކުރެއެވެ.

އެހެން ނަމަވެސް މޫދުވިނައަކީ ކަނޑުގެ ދިރުންތަކަށް ނުހަނު މުހިންމު އެއްޗެކެވެ. ކަނޑުގައި އުފެދޭ މި ވިނައަކީ ގިނަ ދިރުންތަކަކާ ގުޅިފައިވާ އެއްޗެކެވެ. ވެލައާއި މަޑި އަދި މިޔަރު ފަދަ ދިރުންތަކާއެވެ.

ކޮންމެ އަހަރެއްގެ މާޗު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މޫދުވިނައިގެ ދުވަހެވެ: ވޯލްޑް ސީ ގްރާސް ޑޭއެވެ.

ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ އާދަ ހުއްޓުވުމަށް ކެމްޕޭނެއް، ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންގެ ޓީމު "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް"އާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޗެރިޓީ "ބްލޫ މެރިން ފައުންޑޭޝަން" ގުޅިގެން މި އަހަރުގެ ސީ ގްރާސް ޑޭގައި އިފްތިތާހު ކުރިއެވެ.

"ޕްރޮޓެކްޓް މޯލްޑިވްސް ސީ ގްރާސް" ނުވަތަ ރާއްޖޭގައި މޫދުވިނަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގޮވާލާ މި ކެމްޕޭނުގެ މަގުސަދަކީ މޫދުވިނައިގެ މުހިންމުކަން ހާމަކޮށްދިނުމެވެ. އަދި ފަތުރުވެރި ރިސޯޓުތައް ހުންނަ ރަށްރަށުން މޫދުވިނަ ނޮޅުން ހުއްޓާލުމަށް ބާރު އެޅުމެވެ.

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް

މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވްގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ އަދި ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓް އެންޑްރޫ ބޯލް ބުނި ގޮތުގައި، އެ ޓީމުން 49 ރިސޯޓެއްގެ ސާވޭއެއް ހެދި އިރު، އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ރިސޯޓުތަކުން ވަނީ މޫދުވިނަ ނޮޅާކަމަށް އެއްބަސްވެފައެވެ.

"އެ ރިސޯޓުތަކުން ބުނާ ގޮތުން މޫދުވިނަ ނޮޅަނީ މޫދުވިނަ ހުރުމުން ފަތުރުވެރިންނަށް މޫދުވިނަ ހަޑިވެދާނެތީ. 49 ރިސޯޓު ހިމަނައިގެން ހިންގި ސާވޭއެއްގެ ދެބައިކުޅަ އެއްބައި ތަންތަނުން ބުނީ އެހެން،" އެންޑްރޫ ބުންޏެވެ.

މޫދުވިނައަކީ ބަލާލަން ހަޑި އެއްޗެއް ކަމުގައި ފަތުރުވެރިން ބުނެފާނެ ކަމަށްޓަކައި އެ ނޮޅައި ހެދި ނަމަވެސް، އެންޑްރޫ ބުނި ގޮތުގައި އޭނާ މަސައްކަތްކުރާ ސިކްސް ސެންސެސް ލާމުގައި މޫދުވިނައިގެ ސަބަބުން ފަތުރުވެރިން އެތަނަށް އިތުރަށް ހިތް ޖެހެނީއެވެ.

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް

"އަހަރެމެންގެ ރިސޯޓުގައި ވޯޓާ ވިލާއެއްގައި އުޅޭ ފަތުރުވެރިންތަކެއް ކުރީ ދުވަހަކު ބުނި އެމީހުންގެ ވިލާއާ ދިމާލުން މޫދުވިނަ އޮތް ހިސާބަކުން ވެލައެއް ފެނުނު ވާހަކަ. ފަތުރުވެރިން މި އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ މަންޒަރުތައް ބަލާލަން. ވެލާ ފަދަ ދިރުންތައް ފެނުމުން އެމީހުން ރާއްޖެ އައުމުގެ މަގްސަދު އެބަ ހާސިލުވޭ،

"މިއީ އަހަރެމެން ކުރާ މަސައްކަތަކީ. އަހަރެމެން ރިސޯޓަށް އަންނަ ފަތުރުވެރިންނަށް މި ވާހަކަތައް ކިޔައިދީ އެމީހުން ހޭލުންތެރިކުރުވަން. އަހަރެމެންގެ ގެސްޓުންނަށް މޫދުވިނަ ހަޑިވެގެން ނޫޅޭ. މޫދުވިނަ އޮންނާތީ އެތަނަށް އަންނަ ދިރުންތަކާއި ފުރިހަމަކަމުގެ ސަބަބުން އެމީހުން އުފާވެ، ހިތްހަމަޖެހޭ،" އެންޑްރޫ ފާހަގަކުރިއެވެ.

ވަށައިގެންވާ މޫދުވިނަ ހިމާޔަތްކޮށްފައިވާ ލ. އޮޅުވެލީގައި ހިންގާ ސިކްސް ސެންސެސް ލާމު ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިއަދާ ހަމައަށް އެ ރަށުގެ ސަރަހައްދުގައި 107 ވެލާ (ގްރީން ޓާޓްލް) އަދި 93 ކަހަނބު (ހޮކްސްބިލް ޓާޓްލް) ފެނިފައިވާކަން ރެކޯޑުކުރެވިފައި ވެއެވެ.

"އެހެންކަމުން މޫދުވިނަ އޮތުމަކީ ލ. އަތޮޅުގެ ވެލާ ކަހަނބުގެ އާބާދީ ދެމެހެއްޓުމަށް މުހިންމު ކަމެއް،" އެ ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ހަމައެކަނި ވެލާ ކަހަނބަކަށް ނޫނެވެ. މޫދުވިނައަކީ މަސްމަހާމެއްސަށް ވެސް މުހިންމު ވާސައެކެވެ. ކާނާ ފޯރުކޮށްދޭ ވަސީލަތެކެވެ. ކުދި މަސް ހެދި ބޮޑުވުމަށް ރައްކާތެރި މާހައުލެކެވެ.

މީގެ އިތުރުން ވައިގެ ތެރޭގައި ހިމެނޭ ކާބަންޑައިއޮކްސައިޑަކީ ކަނޑުގެ ތެރެއަށްވެސް ވަދެގެންދާ އެއްޗަކަށް ވާ އިރު، މޫދުވިނައަކީ މިތަކެތި އެބްސޯބްކޮށް، އަދި އޮކްސިޖަން ދޫކުރާ ވަސީލަތެކެވެ. އެއްގަމުގައި ގަސްގަހާގެހި މަސައްކަތްކުރާ ބީދައިންނެވެ. އެއް ހެކްޓަރުގެ މޫދުވިނައަށް ދުވާލެއްގެ މައްޗަށް 100،000 ލީޓަރުގެ އޮކްސިޖަން އުފެއްދެއެވެ.

ހަމަ އެއާއެކު ރަށުގެ ގޮނޑުދޮށުގެ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކޮށް، ރަށް ގިރުމުން ރައްކާކޮށްދެއެވެ.

ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ ކަންކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް ސިކްސް ސެންސެސް ލާމުއިން އިސްނަގައިގެން ކެމްޕޭނެއް ފެށީ، އެ ރިސޯޓު ހިންގާ ރަށުގެ ވަށައިގެންވާ މޫދުވިނަ ރައްކާތެރިކުރުމަށް 2017 ވަނަ އަހަރު އެ ރިސޯޓުން އިސްނަގައިގެން ވީ ވައުދެއްގެ ދަށުންނެވެ. މިހާރުގެ މަގްސަދަކީ އެހެން ރިސޯޓުތަކުންވެސް ހަމަ މި ވައުދުވުމެވެ. އަދި ކައިރީގައި މޫދުވިނަ "ދަނޑުތައް" އޮންނަ ރިސޯޓުތަކުން އެތަކެތި ނޮޅުމުގެ ބަދަލުގައި، މަދުވެގެން އޭގެ 80 ޕަސަންޓު ރައްކާތެރިކުރުމަށް ވައުދުކުރުވުމެވެ.

ސިކްސް ސެންސެސް ލާމު ރިސޯޓުން މި ކެމްޕޭން ފެށީ އިތުރު 11 ރިސޯޓާއެކުއެވެ. އެއީ އަނަންތާރާ ދިގު، އަނަންތާރާ ވެލި، ނަލަދޫ ޕްރައިވެޓް އައިލެންޑް، ގިލި ލަންކަންފުށި، އެއްލައިދޫ ބައި ސިނަމަން، ކުރުނބާ މޯލްޑިވްސް، ހުވަފެންފުށި، ސޮނޭވާ ފުއްޓާއި ސޮނޭވާ ޖާނީ، ރީތި ފަރު ރިސޯޓް އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ.

މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކާއި ޖަމާއަތްތަކުންވެސް މި ކެމްޕޭނަށް ސަޕޯޓުކުރެއެވެ.

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް

މަގުސަދަކީ ކަމުގެ މުހިންމުކަން ހާމަކޮށް، މި ވާހަކަތައް ދެކެވެން ފެށުމަށް މަގުފަހިކޮށްދިނުމެވެ. އިތުރު ރިސޯޓުތަކާއި ޖަމިއްޔާތަކާއި އެކްޓިވިސްޓުންނާއި އާންމު ރައްޔިތުންގެ މެދުގައެވެ.

މި މަސައްކަތުގައި އިސްނެގި ސިކްސް ސެންސެސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާޓީން ވޮން ވެލްސް ވިދާޅުވީ ރިސޯޓަކަށް ހަމައެކަނި އެ ރިސޯޓެއްގެ ކައިރިން ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ފަސޭހަކަމެއް ނަމަވެސް، ސިކްސް ސެންސެސް ލާމުން ބޭނުންވަނީ އެކުގައި މަސައްކަތްކުރާނެ ރިސޯޓުތަކެއްގެ ޕާޓްނަޝިޕެއް ކަމަށެވެ.

"ބޭނުންވަނީ ތިމާވެއްޓާ މެދު ވިސްނާ ގިނަ ރިސޯޓުތަކެއް ގުޅި، ވަރުގަދަވާން. މޫދުވިނަ ނޫނަސް އެހެނިހެން ކަންކަމުގައިވެސް. މިފަދަ ޕާޓްނަޝިޕްތަކުގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ކުރާނެ ދެމެހެއްޓެނިވި ގޮތްތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް