ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ

ރާއްޖޭގައި ދުއްވާ ސަފާރީ އެއް: ސަފާރީ އަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު މިއަދު ވަނީ މަރުވެފައި -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ގއ. ވިލިނގިލި ކައިރީގައި އޮތް ސަފާރީ އަކުން ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލުވެ ހުންނެވި ޝަމްވީލު މުހައްމަދު 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރު އެ ހޮސްޕިޓަލަށް ފަތުރުވެރިއެއް ގެނައި ކަމަށާއި އޭނާ ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު 12:05 އެހާކަންހާއިރު ވިލިނގިލީ ކައިރީގައި އޮތް ސަފާރީ އަކުން ޑައިވިނަށް ފޭބި އުމުރުން 50 އަހަރުގެ ޗައިނާ ފަތުރުވެރިއަކު ހާލު ގޯސްވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މި ވަގުތު އޮތީ ގއ. އަތޮޅު ހޮސްޕިޓަލުގަ އެވެ. ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ބަލުމުންނެވެ.

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މިއަދު މަރުވެފައިވާއިރު ވޭތުވެ ދިޔަ ތިން މަސް ދުވަސް ތެރޭގައި ގިނަ އަދަދަކަށް ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފަ އެވެ.

comment ކޮމެންޓް