ބިގަށް 78 މިލިއަން ދޭން ފެށި ފެށުމާ މެދު ސުވާލުތަކެއް!؟

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް --- ފޮޓޯ: ޕީއެސްއެމް

ބިސްނަސް އިމޭޖް ގުރޫޕު (ބިގް) އާ އޭރު ދައުލަތުގެ މީޑިއާ ހިންގި އެމްއެންބީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމް މިހާރުގެ ސަރުކާރުން މިވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޕީއެސްއެމް އިން ވަނީ މިހާރު ވަނީ ބިގަށް އޭގެތެރެ އިން 30 މިލިއަން ރުފިޔާ ދީފަ އެވެ.

ބިގަކީ މިހާރު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ހަސަން އިސްމާއިލްގެ 90 ޕަސެންޓެ ހިއްސާ އޮންނަ ކުންފުންޏެވެ. ބިގަށް 78 މިލިއަން ދޭން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރީ އެމްއެންބީސީއިން އެ ކުންފުންޏަށް ދޭން ޖެހޭ ފަސް މިލިއަން ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގަ އެވެ. ޖޫރިމަނާ އަށް 72 މިލިއަން ދައްކަން ޖެހޭ ކަން ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ ކުރިން އެ ފައިސާ ނުދީ އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެފައިސާދޭން ކޯޓުން ހުކުމް ކުރި އެމްއެންބީސީގެ މުއައްސަސާ އަދިވެސް އުވާލާފައެއް ނުވެ އެވެ. އެ ކުންފުނި އެހެން އޮއްވައި ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) ގެ ދަށުން ވަނީ ވަކި ކުންފުންޏެއް އުފައްދާފަ އެވެ. އެކުންފުނީގެ ގާނޫނު ވަނީ 2015 ވަނަ އަހަރު އުވާލައިފަ އެވެ. އެމްބީސީގެ ހުރިހާ ދަރަންޏެއްގެ ޒިންމާ ޕީއެސްއެމުން ނަގަން ޖެހޭ ކަމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެމްއެންބީސީގެ ދަރަންޏަށް ޒިންމާ ނަގަން ޖެހޭ ކަމަށް ގާނޫނުގައި ލިޔެފައެއް ނުވެ އެވެ.

ސުވާލަކީ އެމްއެންބީސީއިން ދައްކަން ޖެހޭ ފައިސާއެއް ގާނޫނުން ޕީއެސްއެމްއަށް އެކަން މަތި ކޮށްފައި ނެތިސް އެފައިސާ ޕީއެސްއެމުން ދެއްކީ ކީއްވެތޯ އެވެ.

ބިގާއެކު އެމްއެންބީސީ އިން ވި އެއްބަސްވުން

ބިގާއެކު އެމްއެންބީސީން އެއްބަސްވުމެއް ހަދާފައި ވަނީ 7 މާޗު 2010 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން އެމްއެންބީސީގެ ބިސްނަސް ޕްލޭން ހަދައިދިނުމާއި މާކެޓިންގް ކޮންސަލްޓެންސީ ދިނުމުގެ މަސައްކަތާއި އަދި އެކްސްކްލޫސިވް ސޭލްސް އެޖެންޓްކަން ފަސް އަހަރު ދުވަހުގެ މުއްދަތަށް ބިގްއާ ވަނީ ހަވާލުކޮށްފަ އެވެ. އެކަންކަމަށް މަހު ފީއެއްގެ ގޮތުން މަހަކު 25،000، ރުފިޔާ އެމްއެންބީސީ އިން ބިގަށް ދައްކަން ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން ބިގް މެދުވެރިކޮށް ހޯދާ އާމްދަނީގެ 15 ޕަސެންޓް ސޭލްސް ކޮމިޝަނުގެ ގޮތުގައި ބިގަށް ދޭން ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން 2010 އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެމްއެންބީސީ އިން ވަނީ ބިގަށް 5.7 މިލިއަން ރުފިޔާ ދީފަ އެވެ. އެ ފައިސާ އަކީ އެމްއެންބީސީ އިން ބިގާ އެކު ވީ އެއްބަސްވުމާ އެއްގޮތަށް ސޭލްސް ކޮމިޝަނުގެ ގޮތުގައި ބިގަށް ދީފައިވާ ފައިސާކަން 2014 ވަނަ އަހަރު އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އިސްތިއުނާފު ނުކުރީ ކީއްވެ؟

ބިގަށް ދޭން ޖެހޭ ފަސް މިލިއަނާއި ޖޫރިމަނާގެ ގޮތުގައި 72 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ބުނެ އެމްއެންބީސީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނި އޭރު އުވާލާފައި ވުމުން ކުންފުނީގެ ފަރާތުން އެމައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ. އަދި ޕީއެސްއެމް އާއި ދައުލަތުގެ ފަރާތުން ވެސް އެމައްސަލަ އިސްތިއުނަފެއް ނުކުރެ އެވެ.

އިސްތިއުނާފު ކުރަން ޖެހޭ މުއްދަތަށް ބަދަލު ގެނެސް 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭ ގޮތަށް 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ވަނީ ބުނެފަ އެވެ. އެ އުސޫލުގެ ދަށުން މިހާރު އެ މައްސަލަ އިސްތިއުނާފު ކުރަން ޖެހޭ ނަމަ ކުރެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. ގާނޫނީ ވަކީލަކު 'ސަން' އަށް ވިދާޅުވީ މުއްދަތު ހަމަވާ ފަހުން ވެސް އިސްތިއުނާފު ކުރަން އެކަށީގެންވާ ސަބަބެއް ހައިކޯޓަށް ދައްކަައިފި ނަމަ އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ރިއާޔަތް ކުރާނެ ކަމަށެވެ. އެގޮތަށް ބަލައި ގަނެފައި ހުރި މައްސަލަތަކުގެ ތެރޭގައި ބޮޑެތި ފައިދާގެ މައްސަލަތައް ވެސް ހިމެނެ އެވެ.

"މުއްދަތު ހަމަވިޔަސް އެ މައްސަލަ އިސްތިއުނާފު ބަލައިގަންނަން ޖެހޭ އެކަށީގެންވާ ސަބަބެއް ދައްކައިފި ނަމަ ބަލައިގަންނާނެ." ވަކީލަކު ވިދާޅުވި އެވެ.

ނަމަވެސް ޕީއެސްއެމް އިން އެ މައްސަލަ އިސްތިއުނާފު ނުކޮށް ފައިސާ ދައްކަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. އެ ކަމާ ގުޅިގެން ޕީއެސްއެމްގެ މިހާރުގެ މޭންޖިންގް ޑިރެކްޓަރު އަލީ ހާލިދާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެމައްސަލައާ ގުޅިގެން ވާހަކަ ދައްކައިފިން. ދެން ދައްކާނެ ވާހަކައެއް ނެތް." ކަމަށެވެ. އެކަމާ ގުޅޭ ސުވާލުތަކެއް ހުރުމުން ކަމަށް ބުނުމުން ވެސް އަލީ ހާލިދު ޖަވާބެއް ނުދެއްވި އެވެ.

އޮޑިޓް ރިޕޯޓު

ސިވިލް ކޯޓުން އެ ހުކުމް ކުރުމުގެ ކުރިން 2014 ވަނަ އަހަރު އޮޑިޓަ ޖެނެރަކް އޮފީހުން ވަނީ އެމްއެންބީސީ އާއި ބިގްއާ ދެމެދު ވެފައިވާ އެއްބަސްވުމުން ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން އެ އެއްބަސްވުން ބިގާ އެކު ވެފައި ވަނީ އެމްއެންބީސީ އަށް ގެއްލުނު ހުރި ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"ކުންފުނީގެ ހަރަދަށާއި ވިޔަފާރީގެ ފައިދާއަށް ރިއާޔަތްނުކޮށް އަދި ބިގާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް އިތުރުވެފައިވާ އާމްދަނީގެ ނިސްބަތް ވަޒަން ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ވެސް ހަމަޖެއްސުމެއް ނެތި ހަމައެކަނި ޖުމްލަ އާމްދަނީއަށް ރިއާޔަތްކޮށްގެން މާކެޓިންގް ފާމަކަށް 15 ޕަސެންޓް ދިނުމަކީ ވިޔަފާރީގެ އުސޫލުން ބަލާއިރު ރަނގަޅު ނިންމުމެއް ކަމަށް ނުބެލެވޭ." އޭރު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުން އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެންބީސީއާ އެކު ހެދި އެއްބަސްވުމަށް ފަހު ބިގުން އެމްއެންބީސީއަށް ހޯދާދީފައި ވަނީ ކިހާ ފައިސާއެއްކަން ވެސް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ވެސް ނެތް ކަމަށެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ބިގަށް 5.7 މިލިއަން ރުފިޔާ ދީފައިވާ އިރު އެ ފައިސާއަކީ ވެސް ބިގުން ކުރި މަސައްކަތުން ހޯދި ފައިސާގެ ކޮމިޝަން ކަން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަދި އޭރު އޮޑިޓް އޮފީހުން އަންގާފައި ވަނީ ބިގަށް ދޭން އެމްއެންބީސީން ދޭން ޖެހޭ ކަމަށް އެ ކުންފުނިން ބުނި 5.5 މިލިއަން ރުފިޔާގެ ތެރެއިން 2.6 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ނިންމައި އެ ފައިސާ ނުދޭން އަންގައިފަ އެވެ. އެ މައްސަލަ އޭރި އޭސީސީ އަށް ވެސް އޮޑިޓް އޮފީހުން ހުށަހެޅި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކެއް

ބިގަށް އެމްއެންބީސީ އިން ދައްކަން ޖެހޭ ފަސް މިލިއަން ރުފިޔާގެ އިތުރުން 72 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައި އޮތުމުން ރައްޔިތުން ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން އެހާ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ނަމަ އެކަން ހިނގާފައިވާ ގޮތް ފިނޭންސުން އަދި ސަރުކާރުން ބަލަން ޖެހެ އެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައި ވަނިކޮށް އެ ފައިސާ ދޭން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް މީހަކު ބުންޏެވެ.

"މިނުވޭ ދޯ ވައްކަމަކަށް؟ ހައްދަވައިގެން އިސްތިހާރުކުރަން މަސައްކަތެއް ނުކޮށް 78 މިލިއަން ރުފިޔާ މިއޮށް ނެގީ ނިކަމެތި ރައްޔިތުންގެ ހަޒާނާއިން." މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.

"މިއަށް ވެސް ކިޔޭނީ ރޯމާދުވާލު ރައްޔިތުންގެ ތިޖޫރީ ކޮޅާލުން" އެ ފައިސާ ދޭން ނިންމުމުން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

ހަގީގަތުގައި ދައުލަތުގެ ބަޖެޓުން މިހާ ގިނަ އަދަދެއްގެ ފައިސާ ނުކުރާ މަސައްކަތަކަށް ދޭން ޖެހުމުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެ އެވެ. އެ ފައިސާއަކީ ދޭން ޖެހޭ ފައިސާ ކަމަށް ނުވަތަ ފައިސާ ދޭން ނިންމުމުގެ ކުރިން ޕީއެސްއެމް އިން އިތުރުގޮތެއް ހޯދަން ޖެހެ އެވެ.

comment ކޮމެންޓް