ބަންގުލަދޭޝްގެ ބޯޓު ހައިޖެކް ކުރި މީހާގެ އަތުގައި އޮތީ ފޭކު ފިސްތޯލައެއް

ހައިޖެކް ކުރި ބޯޓު ޗިޓަގޮންގުގައި ޖެއްސުމުން ސިފައިން ބޯޓު ވަށާލާފައި -- ފޮޓޯ: އީޕީއޭ

ޑާކާ (ފެބްރުއަރީ 25): ބަންގުލަދޭޝްގެ މަތިންދާބޯޓެއް އިއްޔެ ހައިޖެކް ކުރަން އުޅުނު މީހާގެ އަތުގައި އޮތީ ފޭކު ފިސްތޯލައެއް ކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ބިމާން އެއާލައިންސްގެ ފްލައިޓް ބީޖީ147ގައި ހިނގި އެހާދިސާގައި ބޯޓު ހައިޖެކް ކުރަން އުޅުނު މީހާ ވަނީ މަރުވެފަ އެވެ. ބަންގުލަދޭޝްގެ ސިފައިން ބުނި ގޮތުގައި އޭނާގެ ގަޔަށް ބަޑި ޖަހަން މަޖުބޫރުވީ އޭނާ ހައްޔަރު ކުރަން އުޅުމުން އެކަމަށް ދެކޮޅު ހެދުމުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން 25 އަހަރުގެ އެމީހާ ވަނީ އޭނާގެ އަތުގައި ބަޑިއެއް އޮތް ކަމަށް ބުނެ ކޮކްޕިޓަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން ބޯޓު ޗިޓަގޮންގުގައި ޖެއްސި އެވެ. އަދި އެހާހިސާބުން ސިފައިން ބޯޓަށް އެރީ އެވެ.

ނަމަވެސް ބަންގުލަދޭޝް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން މާޝަލް ނައީމް ހަސަން ވަނީ އެމީހާގެ އަތުގައި އޮތީ ފޭކު ފިސްތޯލައެއް ކަމަށް ވިދާޅުވެފަ އެވެ.

"އެބަޑި ފެނުނު މީހުން ބުނާ ގޮތުގައި އެއީ ފޭކު ފިސްތޯލައެއް،" ހަސަން ވިދާޅުވި އެވެ.

ޗިޓަގޮންގެ ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓު ޖެއްސި ފަހުން އެބޯޓުގައި ތިބި 148 ފަސިންޖަރުންނާއި ކުރޫއިން ވަނީ ސަލާމަތްކަމާ އެކު ބޯޓުން ފައިބައިފަ އެވެ.

comment ކޮމެންޓް