ބީއެމްއެލް ޗެރިޓީ ރަންއިން ތެލެސީމިއާ ސޮސައިޓީއަށް 80،000 ރުފިޔާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް ސްޓާފް ޗެރިޓީ ރަން 2019 -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ބާއްވާ ޗެރިޓީ ރަން މިއަހަރުވެސް ބާއްވައި، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއަށް ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް"ގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ބޭއްވި ސްޓާފް ޗެރިޓީ ރަން، 200 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު މިއަދު ހެނދުނު ކުރިއަށް ދިޔައީ ހުޅުމާލޭގައެވެ.

އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ހަތަރު ކިލޯމީޓަރަށް ބީއެމްއެލްގެ މުވައްޒަފުން ދުވުނެވެ.

ބީއެމްއެލްއިން ބުނީ ސެންޓްރަލް ޕާކުން ފަށައި، ހަމަ އެ ޕާކަށް ނިންމާލި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ، ޗެރިޓީ ރަންއާ ގުޅިގެން ތެލެސީމިއާ ސޮސައިޓީއަށް 80،000 ރުފިޔާގެ ރަމްޒީ ޗެކެއް ހަވާލުކޮށްދީފައެވެ.

ބޭންކް އޮފް މޯލްޑިވްސް ސްޓާފް ޗެރިޓީ ރަން 2019 -- ފޮޓޯ/ ބީއެމްއެލް

އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލެސީމިއާ ސޮސައިޓީއިން ކުރިއަށް ގެންދާ ޕްރޮގްރާމުތައް ރާވައި ހިންގުމަށެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ތރެއިން މަދނަީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން ދަނީ ބަދަހިވަމުން ކަމަށެވެ.

"އަޅުގަނޑުމެން ރާވާފައި މިވަނީ ދިވެހި މުޖުތަމަޢަށް ދެމެހެއްޓެނިވި އަދި ފައިދާކުރުވަނިވި ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ހިންގަން. ބީއެމްއެލް މުވައްޒަފުންގެ ފަރާތުން މިއަދު މިދައްކުވައިދިނީ މުޖުތަމައަށް އެހީވުމުގައި ބޭންކުގެ މުވައްޒަފުންގެ އިސްނެގުމާއި މިފަދަކަންކަމަށް ހުންނަ ޝައުގުވެރިކަން. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން އަމިއްލަ ފަރުދުންނާއި ހިލޭސަބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހއްޓެނިވި ގޮތެއްގައި ރަށްރަށުން ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ކޮމިއުނިޓީ ފަންޑެއްވެސް އިފްތިތާހުކޮށްފައެވެ.

comment ކޮމެންޓް