އެމެރިކާއިން ރާއްޖެއަށް 150 މިލިއަން ރުފިޔާގެ އެހީ ދެނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެެއޯ އާ އިއްޔެ ބައްދަލުކުރެއްވުން --

އެމެރިކާއިން ރާއްޖެއަށް ދޭ އެހީ އިތުރުކޮށް މިއަހަރު ތެރޭ 9.75 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ)ގެ އެހީ ދޭން ނިންމައިފިއެވެ.

އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯއާ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސްޓޭޓް ޑިޕާޓްމެންޓުން ބުނީ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ އިތުރުކޮށް، މިއަހަރު ތެރޭ އިތުރު 9.75 މިލިއަން ޑޮލަރުގެ އެހީ ދޭން މަސައްކަތްކުރާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ޔޫއެސްއެއިޑުން ރާއްޖެއަށް ދޭ އެހީއެއްގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު މިއަދު ވަނީ ރާއްޖެ ޑިމޮކްރަސީއަށް ކުރާ ދަތުރާ ގުޅޭގޮތުން އެޓްލާންޓިކް ކައުންސިލުން ބޭއްވި ވަށް މޭޒު ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވައިފައެވެ.

މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރަކު އެމެރިކާއަށް ދަތުރު ކުރައްވާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް