ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ މުޒާހަރާކޮށްފި

ރޭ ޕީޕީއެމްއިން ކުރި މުޒާހަރާ // ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާކޮށްފި އެވެ.

ރޭ ރައީސް ޔާމީނުގެ ސަޕޯޓަރުން ވަނީ އަލިމަސްކާނިވާ ސަރަހައްދަށް އެއްވެ، އެމަނިކުފަނު ދޫކޮށްލުމަށް އަޑު އުފުލައިފަ އެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލަ ބަލައި ނިމެންދެން އެމަނިކުފާނު ހުންނެވީ ބަންދުގަ އެވެ. ކްރިމިނަލް ކޯޓްގެ އަމުރާ އެކު ރައީސް ޔާމީން މާފުށީ ޖަލަށް ގެންދިޔައީ ހޯމަ ދުވަހު އެވެ.

އެމަނިކުފާނު އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗުގެ ހިތުގެ ޑިޕާޓްމެންޓުގައި އެޑްމިޓް ކޮށްފައިވާ އިރު ސަޕޯޓަރުން ވަނީ އައިޖީއެމްއެޗު ކައިރިއަށް އެއްވެފަ އެވެ. ސަޕޯޓަރުން ހޮސްޕިޓަލަށް ޖަމާވެ އަޑުގަދަ ކުރަމުންދަނިކޮށް ފުލުހުން ވަނީ ހޮސްޕިޓަލު ތެރެއަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.

ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެވުނީ، ކަރަންޝަންސް ސާވިސްގެ އެދިވަޑައިގަތުމުގެ މަތިން ޑޮކްޓަރަށް ދެއްކުމަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވިފައި ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝީޔާޒު "ސަން" އަށް ވަނީ ވިދާޅުވެފަ އެވެ.

ރޭގެ މުޒާހަަރާގައި ޕީޕީއެމް އާއި ކޮންގްރެސްޕާޓީގެ އިސްބޭފުޅުން އަދި ސަޕޯޓަރުން ބައިވެރިވެ، ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރާ ކަމަށާއި އަނިޔާ ކުރުން ހުއްޓާލާ، އެމަނިކުފާނު މިނިވަން ކުރުމަށް ވަނީ ގޮވާލައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި މަނީ ލޯންޑާ ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.

މަނީ ލޯންޑަރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާ ގޮތުން މަނީ ލޯންޑާ ކުރުމުގެ އަދަބަކީ، އެއްލަކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރުމާ އެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖުރިމަނާ ކުރުމާ އެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެ އެވެ.

comment ކޮމެންޓް