ސައޫދީ ޖަލުތަކުގައި ތިބި އިންޑިއާގެ ކުށްވެރިން މިނިވަން ކުރަނީ

ބިން ސަލްމާން އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދުގެ އަރިހުގައި

ނިއުދިއްލީ (ފެބްރުއަރީ 21) : ސައޫދީ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ކުށްވެރިންގެ ތެރެއިން 850 މީހުން މިނިވަން ކުރުމަށް ސައޫދީ ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކޮށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކިކުށްތަކާ ގުޅިގެން ސައޫދީ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ކުށްވެރިންގެ ތެރެއިން 850 މީހުން މިނިވަންކުރުމަށް ސައޫދީ ސަރުކާރުން ނިންމިކަން އެގައުމަށް ވަޑައިގެން އުޅުއްވާ ސައޫދީ މަސްއޫލުވެރިން ކަށަވަރުކޮށް ދެއްވާފައިވާ ކަމުގަ އެވެ.

ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން މިހާރު އުޅުއްވަނީ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. މިދަތުރުފުޅުގައި ބިންސަލްމާނާއި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ކުރެއްވި މަޝްވަރާތަކުގައި ސައޫދީ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އިންޑިޔާގ ކުށްވެރިން މިނިވަން ކޮށްދިނުމަށް މޯދީ އެދިވަޑައިގެންނެވި ކަމަށް އިންޑިއާގެ މީޑީއާ ޚަބަރު ދެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ސައޫދީ ޖަލުތަކުގަ އެވެ. ސައޫދީގައި އިންޑިއާގެ 2.7 މިލިޔަން މީހުން މަސައްކަތްތެރިންގެ ގޮތުގައި އުޅޭ އިރު ސައޫދީ ޖަލުތަކުގައި އިންޑިއާގެ 2000 އަށް ވުރެ ގިނަ މީހުން ގައިދީންގެ ގޮތުގައި ތިބިކަމަށް ވެ އެވެ.

މުހައްމަދު ބިން ސަލްމާން އިންޑިއާ އަށް ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭގަ އެވެ. ނިއުދިއްލީ އެއާޕޯޓުން ބިން ސަލްމާން އަށް މަރްހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާއި އޭނާގެ ކެބިނެޓްގެ ވަޒީރުންނާއި އިންޑިއާ ސިފައިންގެ އިސް އޮފްސަރުންނެވެ. އެއަށް ފަހު ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ ބޭރުގައި ވެސް ބިންސަލްމާނަށް މަރްހަބާ ދެންނެވުމުގެ ގޮތުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެރަސްމިއްޔާތުގައި އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދާއި އިންޑިއާގެ މަދަނީ އަދި އަސްކަރީ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ސައޫދީ ވަލީއުލްއަހްދު މިއަދު ޗައިނާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް