އަހަރެން ފަހެއް، އެތުލެޓިކޯ ސުމެއް: ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި އެތްލެޓިކޯ ސަޕޯޓަރުންނަށް ރައްދު ދޭ މަންޒަރު --- ފޮޓޯ/ ޖެކް ޑޭވިސް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑް އަތުން ޔުވެންޓަސް ބަލިވި މެޗަށް ފަހު، "ތިމަންނަ" ފަސް ފަހަރު އެ މުބާރާތް ކާމިޔާބު ކުރި ކަމަށާއި އެތްލެޓިކޯއަށް އެއް ފަހަރު ވެސް ކާމިޔާބު ނުވާ ކަމަށް ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އެތްލެޓިކޯ މެޑްރިޑްގެ މެޓްރޯ ޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު 0-2ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކާމިޔާބު ކުރުމާ ގުޅިގެން ކުރިން ރެއާލް މެޑްރިޑްއަށް ކުޅެ އެތްލެޓިކޯ ކޮޅަށް ގިނަ ގޯލުތަކެއް ޖަހާފައިވާ ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފަ އެވެ.

އެތްލެޓިކޯ މެޑްރިޑްއާއި ޔުވެންޓަސް ވާދަ ކުރި މެޗުގައި އެތްލެޓިކޯގެ ޑީފެންޑަރު ހޯސޭ ގިމިނެޒް ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ޖެކް ޑޭވިސް

ރޭގެ މެޗުގެ މެދުތެރެއިން ރޮނާލްޑޯ ވަނީ އެތްލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންނާ ދިމާލަށް ފަސް އިނގިލި ދެއްކުމަށް ފަހު އޭނާ އެ މުބާރާތް ފަސް ފަހަރު ހޯދާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެތްލެޓިކޯ އަށް އެ މުބާރާތް ކާމިޔާބު ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑްއާ އެކު ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްއާ އެކު ވެސް ރޮނާލްޑޯ ވަނީ އެ މުބާރާތުގެ ތަށި ހޯދައިފަ އެވެ.

"އަހަރެން ފަސް ފަހަރު މި މުބާރާތް ކާމިޔާބު ކުރިން. މި މީހުނަށް އަދި އެއް ފަހަރު ވެސް އެކަން ނުވެގެން އެ އުޅެނީ." މެޗު ނިންމާލުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. ފުރަތަމަ ހާފު ހަމަހަމަ ކަމާ އެކު އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި އެތްލެޓިކޯއިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ގޯލުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އުރުގުއޭގެ ދެ ޑިފެންޑަރުން ކަމަށްވާ ހޯސޭ ގިމިނޭޒް އާއި ޑިއޭގޯ ގޮޑީން އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ ޔުވެންޓަސްގެ އަމިއްލަ ދަނޑުގަ އެވެ. އޭގެ ކުރިން ދެ ޓީމު ވެސް ލީގުގައި ވަރުގަދަ މެޗުތައް ކުޅެން ޖެހޭނެ އެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު އެތްލެޓިކޯ ވިލަރެއާލްއާއި ރަށުން ބޭރުގައި ބައްދަލު ކުރާއިރު ޔުވެންޓަސް ވެސް ހަމަަ އެދުވަހު ބޮލޯނާ އާއި ވާދަ ކުރާނެ އެވެ.

comment ކޮމެންޓް