އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގައިފި

އިބްރާހިމް އާތިފް ޝަކޫރު --- ސަން ފައިލް ފޮޓޯ

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ، އިބްރާހިމް އާތިފް ޝަކޫރު، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ވުމަށް ސިޓީ ފޮނުވައިފި އެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި އާތިފަށް ފޮނުއްވި ސިޓީ ޓްވިޓާގައި އާންމު ކުރައްވައި އާތިފް ވިދާޅުވީ އެފްއައިޔޫގެ ވެރިޔާގެ ގޮތުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ވާހަކަތައް ހިއްސާކުރައްވާނެ ފުރުސަތަކަށް އެދިއެދި ހުންނެވި ކަމަށެވެ. ވާހަކަ ދައްކަވާނީ އިހުލާސްތެރިކަމާ އެކު ކަމަށާއި ހާމަކުރައްވާނީ ތެދު މައުލޫމާތު ކަމަށް އާތިފް ވަނީ ވިދާޅުވެފަ އެވެ.

އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައިވަނީ މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުުރު 2:30 އަށެވެ.

މަޖިލީހުގެ އަމީން އާންމު އާތިފަށް ފޮނުއްވި ސިޓީގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާ ގުޅޭ މުއާމަލާތްތައް ހިންގާފައި ވަނީ އާތިފް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި ދުވަސްވަރުކަމުން، މާލިއްޔަތު ކޮމެޓީގެ މެންބަރުން އާތިފް އާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަހުގީގު ރިޕޯޓަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ނަމަވެސް، އެކަން ތަހުގީގުކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އޭރުގެ ގަވަރުނަރު އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށެވެ.

އެމްއައިޔޫއަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތަކީ މަނީ ލޯންޑްރިން ހުއްތުވާ ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވައި އެފަދަ ކަންތައް ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމްއެމްއޭގެ ވެރިންތަކެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް