ތަޖުރިބާކާރު ޑިފެންޑަރު، ހޮކޭ ދަ ގްރާންޑޭ އަށް ސޮއިކޮށްފި

ރާއްޖޭގެ ޤައުމީ ޓީމްގައި ހޮކޭ ކުޅެނީ --- ސަން ފައިލް ފޮޓޯ

މި އަހަރުގެ ސީޒަނުގެ ފުރަތަމަ ޑިވިޒަންއަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ސޮއި ކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެދީފައިވާ ހޮކޭ އާއި ނިއު އާއި ދެމެދުގައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ދާދި ފަހަކުން ވަނީ އުވާލައިފަ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަ ދީފައިނުވާ ކަމަށް ބުނެ އެފްއޭއެމް އިން ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓު، ފަހުގެ ތާރީހުގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި ހޮކޭ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ސޮއެ ކުރުމުގެ ތެރެއިން --- ފޮޓޯ / ދަ ގްރާންޑޭ

ދިވެހި ފުޓުބޯޅައަށް މުޅިން އާ ޓީމެއްގެ ގޮތުގައި އޮތް ދަ ގްރާންޑޭއަށް ހޮކޭ ބަދަލުވީ މުޅިން އާ ޗެލެންޖެއް ކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ކުރިން މާޒިޔާ، ވިކްޓަރީ އަދި ވެލެންސިއާއަށް ކުޅެދީފައިވާ ހޮކޭގެ ތަޖުރިބާގެ އަލީގައި ދަ ގްރާންޑޭއަށް ކާމިޔާބު ހޯދައިދިނުމުގެ ނިޔަތުގައި އެ ކުލަބަށް ގުޅުނު ހޮކޭ އަކީ ރާއްޖޭގެ ގައުމީ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެދީފައިވާ އެތަކެއް ކޯޗުންގެ އިތުބާރު ހޯދާފައިވާ ކުޅުންތެރިއެކެވެ.

އުމުރުން 33 އަހަރުގެ ރ. އަލިފުއްޓަށް ނިސްބަތްވާ ހޮކޭ ދަ ގްރާންޑޭއާ ގުޅުމުގެ ކުރިން އޭނަގެ އެންމެ ފަހުގެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެނޭޖްމެންޓަށާއި އެކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ދެވަނަ ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މި ސީޒަނުގެ ފުރަތަމަ ޑިވިސަންއަށް ކޮލިފައިވި ދަ ގުރާންޑޭ ވަނީ މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފަ އެވެ. އަދި އެ ޓީމުގަ ހިމެނޭ 21 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ސީނިއާ ޓީމަށް ވެސް ނަގައިފަ އެވެ.

comment ކޮމެންޓް