ބާނީ ސޭންޑާސް އަނެއްކާ ވެސް ރައީސް ކަމަށް ވާދަ ކުރައްވަނީ

އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑާސް ވަނީ އަނެއްކާވެސް ވެރިކަމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ފެބްރުއަރީ 20): އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑާސް އަނެއްކާ ވެސް ރައީސްކަމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި ސޭންޑާސް ވަނީ 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޓިކެޓް ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އޭރު ކެނޑިޑެސީ ކާމިޔާބު ކުރެއްވީ ހިލަރީ ކްލިންޓަން އެވެ.

އެކެމްޕެއިންގައި 77 އަހަރުގެ ސޭންޑާސް ވަނީ ޒުވާނުންގެ ތާއީދު ހޯއްދަވައިފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުން ޔުނިވާސަލް ހެލްތްކެޔާ ތައާރަފް ކުރުމަށާއި މުޅި ގައުމުގައި ވެސް އެންމެ ދަށް މުސާރައަކީ 15 ޑޮލަރަށް ހެދުމަށާއި ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ހިލޭ ދިނުމަށް ސޭންޑާސް ގޮވާލެއްވުން ހިމެނެ އެވެ.

ސޭންޑާސްގެ ކެމްޕެއިން ލޯންޗު ކުރިތާ ހަތަރު ގަޑިއިރުވެސް ނުވަނީސް އޭނާގެ ކެމްޕެއިނަށް އެއް މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ބުންޏެވެ.

"އަޅުގަނޑުމެން ވަނީ 2016 ވަނަ އަހަރުގެ ކެމްޕެއިނާ އެކު ސިޔާސީ އިންގިލާބެއް ފަށާފައި. މިހާރު އެއިންގިލާބު ފުރިހަމަކޮށް، އެތަސައްވަރު ހަގީގަތަކަށް ހަދަންވީ ވަގުތު ޖެހިއްޖެ،" ސޭންޑާސް ވިދާޅުވި އެވެ.

ވާމަންޓުގެ ސެނެޓަރުކަން ކުރައްވާ ސޭންޑާސްއަކީ އެމެރިކާގެ ކޮންގްރެސްގައި އެންމެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ މިނިވަން ކެނޑިޑޭޓެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ނޮމިނޭޝަނަށް ވާދަ ކުރައްވަނީ އެހެން ޕާޓީއަކުން ވާދަ ކުރައްވާ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަވާނެތީ އެވެ.

ސޭންޑާސްގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ސެނެޓާ އެލިޒަބެތު ވޮރެން، ސެނެޓާ ކަމަލާ ހެރިސް، ސެނެޓާ ކާސްޓެން ޖިލިބްރޭންޑް، ޖޯން ޑެލޭނީ، ކުރީގެ ސެކްރެޓަރީ އޮފް ހައުސިން ހޫލިއާން ކާސްޓްރޯ ހިމެނެ އެވެ. އެއީ ޑިމޮކްރެޓިކް ޕްރައިމަރީގައި އެކަކަށް ވުރެ ގިނަ އަންހެނުން ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް