ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ ކުޅިވަރުތައް ބެލެހެއްޓުމަށް އިހުމާލުވެފައި: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ކުރީ ސަރުކާރުން ގިނަ ކުޅިވަރުތަކަކަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ބައެއް އެސޯސިއޭޝަންތައް ވެއްޓިފައިވާ ވަރަކީ، ހެދުން ބަދަލުކޮށްލާނެ ތަނެއް ޖާގައެއް ވެސް އެތަންތާގައި ނެތް ހާލަތު ކަމަށެވެ.

"ބައެއް އެސޯސިއޭޝަންތައް އެބަހުރި ވަންނާނެ ތަނެއް ނެތިފައި. ބައެއް ކުޅިވަރުކުޅޭ ކުޅުންތެރިން ގޮސް ހެދުން ބަދަލުކޮށްލާނެ ޖާގައެއް ވެސް ނެތް ތަން ތަން އެބަހުރި. ގިނަ ކުޅިވަރު އެސޯސިއޭޝަންތައް އޮތީ ވަރަށް ހާލުގައި،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭސީސީ އިން މިދިޔަ އާދީއްތަ ދުވަހު ނެރުނު ރިޕޯޓްގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ނަން ހިމެނިފައި ވާތީ އެ މައްސަލަ ބަލައި ނިމެންދެން މަހްލޫފު ގޭގައި މަޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ. އަދި އެ އަށް ފަހު ޔޫތު މިނިސްޓްރީ ހިންގަވަނީ އަލީ ވަހީދެވެ.

އަލީ ވަހީދު އެ މަގާމާ ހަވާލުވުމަށް ފަހު ފުރަތަމަ ކަމެއްގެ ގޮތުގައި ކުރެއްވި ކަމަކީ ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައި އެތަން ތަނުގެ ހާލަތު ބައްލަވައި އެކަމަށް އަޅަން ޖެހޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އެ އެސޯސިއޭޝަންތަކާ މަޝްވަރާ ކުރެއްވުމެވެ. އަދި އެ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އަލީ ވަހީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކަށް މިވަގުތު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށާއި ކުރީ ސަރުކާރުން އެ ކުޅިވަރުތަކަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މި ހަފްތާގެ ތެރޭގައި ހުރިހާ އެސޯސިއޭޝަނަކަށް ވަކި ވަކިން ވަޑައިގެން ދިރާސާ ކުރައްވާނެ ކަމަށާއި އެތަންތަނަށް ދިމާވެފައިވާ މައްސަލަތައް ދެނެ ގަންނަވާނެ ކަމަށެވެ.

"ނެޓްބޯޅަ އެސޯސިއޭޝަން މިވަގުތު އޮތީ ޕެރަލައިޒް ވެފައި. އެ އެސޯސިއޭޝަންގެ ލީޑާޝިޕެއް މިވަގުތު ނެތް ނަމަވެސް މާޗު 15 ވާއިރަށް އެ އެސޯސިއޭޝަން އަށް ލީޑާޝިޕެއް އުފެއްދޭތޯ މަސައްކަތް ކުރާނަން. މިފަދަ އެއްވެސް ކަމެއް ހުއްޓިފައި އޮތުމަށް މިސަރުކާރުން ޖާގައެއް ނުދޭނަން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ހުރިހާ ކުޅިވަރަކަށް ހަމަހަމަކޮށް އިސްކަންދީގެން ބަލަމުންދާނެ ކަމަށާއި ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީއެއް އެންމެ ފުރިހަމައަށް ހުރިހާ އެސޯސިއޭޝަނަކަށް ލިބިގެންދާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އަދި މިނިސްޓަރު މަހުލޫފް ފައްޓަވާފައި ހުރި ހުރިހާ ކަމަކާއި އެ ބޭފުޅާ ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް