ކެނެޑާގައި ސީރިއާގެ އާއިލާއެއް ދިރިއުޅުނު ގެޔެއްގައި ރޯވެ، ހަތް ކުޑަކުދިން މަރުވެއްޖެ

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ހަތް ކުދިންގެ ތެރެއިން ފަސް ކުދިންނާއި އެކުދިންގެ މަންމަ އާއި ބައްޕަ -- ފޮޓޯ: އުއްމަ މަސްޖިދު

ހަލިފެކްސް (ފެބްރުއަރީ 20): ކެނެޑާގެ ހަލިފެކްސްގައި ސީރިއާގެ ރެފިއުޖީ އާއިލާއެއް ދިރިއުޅޭ ގެޔެއްގައި ރޯވެ، ހަތް ކުޑަކުދިން މަރުވެއްޖެ އެވެ.

ކެނޭޑިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނި ގޮތުގައި އިބްރާހިމް އާއި ކައުސަރު ބަރުހޯ، އެދެމަފިރިންގެ ހަ ކުދިންނާއެކު ކެނެޑާއަށް ދިޔައީ ސެޕްޓެމްބަރު 2017އިގައި އެވެ. އަދި މީގެ ތިން މަސް ކުރިން އެދެމަފިރިންނަށް ވަނީ އިތުރު ކުއްޖަކު ލިބިފަ އެވެ. އެއާއިލާގައި ދެން ތިބީ ދެ އަހަރާއި 14 އަހަރާ ދެމެދުގެ ހަ ކުދިންނެވެ.

ކެނެޑާގައި ސީރިއާގެ އާއިލާއެއް ދިރިއުޅުނު ގޭގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބުނު -- ފޮޓޯ: ސީބީސީ

އިއްޔެ އެއާއިލާ ދިރިއުޅޭ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިބްރާހީމާއި ކައުސަރަށް ވެސް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އަދި ގޭގައި ރޯވެފައި ވަނިކޮށް ދަރިން ސަލާމަތް ކުރަން މަސައްކަތް ކުރި އިބްރާހީމަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފަޔާ ފައިޓަރުން ބުނި ގޮތުގައި އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް އެއް ގަޑި އިރުގެ މަސައްކަތުންނެވެ. އޭރު ގެޔަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އަދި މިހާރު އެހާދިސާ ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް