އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގާ ނަމަ ކުރިމަތި ލުމަށް މިނިސްޓަރު ގޮވާލައްވައިފި

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުލަބުތަކާ ޖެހިފައިވާ މައްސަލާގައި އެފްއޭއެމްގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން ކުލަބުތަކުން ބޭނުންވާ ނަމަ، އެކަމާ ކެރިގެން ކުރިމަތިލުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ހިންގަވަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ވަހީދު ގޮވާލައްވަވައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭސީސީ އިން މިދިޔަ އާދީއްތަ ދުވަހު ނެރުނު ރިޕޯޓުގައި މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފުގެ ނަން ހިމެނިފައިވާތީ އެ މައްސަލަ ބަލައި ނިމެންދެން މަހްލޫފު ގޭގައި މަޑު ކުރުމަށް ރައީސް އެންގުމާ ގުޅިގެން މިވަގުތު ޔޫތު މިނިސްޓްރީ ހިންގަވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

އަލީ ވަހީދު އެމަގާމާ ހަވާލު ވުމަށް ފަހު ރޭ ވަނީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރެއިން ފުޓުބޯޅަ އެސޯސިއޭޝަނަކީ ކްލަބުތަކާ ބޮޑު ހަނގުރާމައެއް އުފެދި ނޯ ކޮންފިޑެންސް ވޯޓެއް ނެގުމަށް ގިނަ ކުލަބުތަކަކުން އެދެމުންދާ އެސޯސިއޭޝަނެކެވެ.

އެ މައްސަލާގައި ސަރުކާރުގެ ނުފޫޒު ފޯރާ ނަމަ ފީފާއިން ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް ފިޔަވަޅު އަޅާނެކަން މީގެ ކުރިން އަންގާފައިވާ އިރު އަލީ ވަހީދު އެ ބައްދަލުވުމުގައި ވެސް އެފްއޭއެމް އާއި ކުލަބުތަކުގެ އިތުރުން ސަރުކާރާއި ދެމެދު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ސަސްޕެންޑު ކުރި މައްސަލާގައި އެކުލަބާ ދެމެދު އެފްއޭއެމް އިން އެޅި ފިޔަވަޅު ބަލައި ނުގަންނަ ކަމަށާއި ވަކި ކުލަބެއްގެ އިސްނެގުމުގެ މަތިން ނޯ ކޮންފިޑެންސް ވޯޓު ނަގަން އުޅުނީތީ ފިޔަވަޅު އެޅުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"އިތުބާރު ނެތް ނަމަ މި ގޮނޑީގައި އަޅުގަނޑު ވެސް ނީންނާނަން. އެހެންވީމާ އެފްއޭއެމް އިން ވެސް ކުލަބުތަކުން އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ބޭނުންވާ ނަމަ ޖެހޭނެ އެ ފުރުސަތު ދޭން. އެހެން ނޫނީ މަސްލަހުތު ރަނގަޅެއް ނުވާނެ. ކުޅިވަރު ދާނީ ދުވަހަކުން ދުވަހަކަށް ދަށަށް. އަޅުގަނޑުގެ އިލްތިމާސަކީ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން އެދޭ ނަމަ އެކަމާ ފޭސްކޮށް އެ ވޯޓު ނެގުމަށް."

ނިއުރޭޑިއަންޓްގެ ސަސްޕެންޝަނަށް ފަހު ވިކްޓަރީގެ އިސްނެގުމުގެ މަތިން ގިނަ ކުލަބުތަކެއްގެ ސޮއެއާ އެކު އެފްއޭއެމް އަށް ވަނީ ލީޑަޝިޕް ބަދަލު ކުރުމަށް ޓަކައި ސިޓީއެއް ލައިފަ އެވެ. ނަމަވެސް ސިޓީގައި ހުރި ކުލަބްތަކުގެ ރަޖިސްޓަރީ މައްސަލަތަކެއް ފާހަގަކޮށް ސިޓީ ފުރިހަމަ ނޫން ކަމަށް ބުނެ ލީޑަޝިޕް ބަދަލު ކުރުމަށް ބާއްވާ ކޮންގުރެސް ބޭއްވެން ނެތް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް