ގައުމީ ހިދުމަތް އަދާ ނުކުރުމުން ފުލްހަމްގެ ކުޅުންތެރިޔަކު ޖަލަށް

ފުލްހަމްގެ ޒުވާން މިޑްފީލްޑަރު ބެން ޑޭވިސް --- ފޮޓޯ/ބީބީސީ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ފުލްހަމްއިން ދާދި ފަހުން ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކުރުވި 18 އަހަރުގެ ކުޅުންތެރިޔަކު ގައުމީ ހިދުމަތެއް ފުރިހަމަ ނުކުރުމުން ޖަލަށް ލައިފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އިން ދީފި އެވެ.

ސިންގަޕޫރުގެ ގާނޫނުގައި ބުނާ ގޮތުން އެގައުމަށް ނިސްބަތްވާ ހުރިހާ ފިރިހެނުން (ކުޅެދޭ އެންމެން) ލަޝްކަރީ ހިދުމަތް ނުވަތަ ސިވިލް ޑިފެންސް ފޯހަށް ދެ އަހަރު ދުވަހުގެ ހިދުމަތް ކުރުން ލާޒިމް ވެގެންވެ އެވެ. އެމީހަކަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ ހިދުމަތް ނުދީފި ނަމަ އަދަބެއްގެ ގޮތުގައި ހަތަރު މަހާއި ތިން އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އަންނާނެ އެވެ.

ފުލްހަމް ފުޓުބޯޅަ ކުލަބަށް މިހާރު ކުޅެމުންދާ ޒުވާން ކުޅުންތެރިޔާ ބެން ޑޭވިސް މިވަގުތު ގައުމުން ބޭރުގައި ފުޓުބޯޅަ ކުޅުމުގައި އުޅުނު ނަމަވެސް އޭނަގެ ގައުމީ ވާޖިބު ފުރިހަމަނުކޮށް ހޭދަ ކުރާ ދުވަސްތަކަށް އޭނައަށް ހުކުމް ކުރާނެ ކަމުގެ އިންޒާރު ސިންގަޕޫރުގެ ޑިފެންސް މިނިސްޓަރީގެ ސްޕޯކް ޕާސަން ބެންޖަމިން ޑޭވިސް ވަނީ ދީފަ އެވެ.

"ގާނޫނީ ވާޖިބު ފުރިހަމަނުކޮށް ގިނަ ދުވަސްވާ ވަރަކަށް ހުކުމުގެ މުއްދަތު އިތުރު ވާނެ. އަދި ޖޫރިމަނާގެ ގޮތުގައި ވެސް ފައިސާ ދައްކަން ޖެހިދާނެ. އޭނަ [ބެން ޑޭވިސް] މި ހިދުމަތް ދޭން ލަސްކޮށްދިނުމަށް އެދި ރިޕޯޓް ކޮށްފައެއް ނުވޭ. ވީމާ އޭނަގެ މައްޗަށް ވެސް އެހެން ރައްޔިތުންނެކޭ އެއްފަދައިން އަމަލު ކުރުން ޖެހޭނެ." ބެންޖަމިން ވިދާޅުވި އެވެ.

ބެން ޑޭވިސް އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ އެކު ޕްރޮފެޝަނަލް ކޮންޓްރެކްޓް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ފުލްހަމްގެ 18 އަހަރުން ދަށުގެ ޓީމަށް 10 މެޗު މިހާތަނަށް ކުޅެދީފައިވާ މިޑްފީލްޑާ ބެން ޑޭވިސް ވަނީ ސިންގަޕޫރުގެ ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ.

comment ކޮމެންޓް