މެންޗެސްޓާ ޔުނައިޓެޑް ބޮޑު އަގުގައި ގަންނަ ވާހަކަ ސައުދީ ޝާހީ އާއިލާ އިން ދޮގުކޮށްފި

ސައުދީ އަރަބިއާގެ ވަލީ އަހަދު، މުހައްމަދު ބިން ސަލްމާން --- ފޮޓޮ / ސްކައި ސްޕޯޓްސް

ސައުދީ އަރަބިއާގެ ވަލީ އަހަދު، މުހައްމަދު ބިން ސަލްމާންގެ މުދަލުން މެންޗެސްޓާ ޔުނައިޓެޑް ގަންނަން 3.8 ބިލިއަން ޕައުންޑަށް ހުށައެޅި ވާހަކައަކީ ދޮގު ހަބަރެއް ކަމަށް ސައުދީގެ ޝާހީ އާއިލާގެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

ދަ ސަން އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ސައުދީގެ ވަލީ އަހަދު ވަނީ ޔުނައިޓެޑްގެ މިހާރުގެ ވެރިން "ގެލޭޒާ" އާއިލާގެ އަތުން އެ ކުލަބު ގަތުމަށް 3.8 ބިލިއަން ޕައުންޑް އަގެއް ހުށައަޅައިފަ އެވެ. ދެހާސް ފަސް ވަނަ އަހަރު ގްލޭޒާ އާއިލާ އިން އެ ކުލަބު ގަނެފައި ވަނީ 790 މިލިއަން ޕައުންޑަށެވެ. ނަމަވެސް ސައުދީގެ ޝާހީ އާއިލާގެ މިނިސްޓަރުން ވަނީ މުހައްމަދު ބިން ސަލްމާން އެފަދަ ކަމެއް ކުރައްވަން ނޫޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ރަސްމީ ސްޓޭޑިއަމް (އޯލްޑް ޓްރެފޯޑް) -- ފޮޓޯ / ޑޮމް ފެރަލް

ސައުދީގެ މީޑިއާގެ މިނިސްޓަރު ތުރްކީ އަބްދުލް ޝަބާނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް އާއި ޝާހީ އާއިލާގެ އިންވެސްޓްމެންޓް ފަންޑުގެ ބެލެހެއްޓުންތެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމަކީ ސްޕޮންސާޝިޕެއްގެ ވާހަކަ ދެއްކުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"ވަލީއުލް އަހަދު، މުހައްމަދު ބިން ސަލްމާން މެންޗެސްޓާ ޔުނައިޓެޑް ބައްލަވައި ގަންނަން އުޅުއްވާ ވާހަކަ އަކީ އިތުރު ފުޅެއް. އެ ކުލަބާއި ޝާހީ އާއިލާގެ އިންވެސްޓްމެންޑް ފަންޑާ ދޭތެރޭ ދެކެވުނު ވާހަކަ އަކީ ސްޕޮންސާޝިޕް ޕްރޮޖެކްޓެއްގެ ވާހަކަ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު ވެސް ޔުނައިޓެޑް އިން ޝާހީ އާއިލާ އާއި ދެމެދު ސްޕޮންސާޝިޕެއްގައި އެއްބަސް ވެފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ސައުދީގެ ޓެލަކޮމް ކުންފުނި ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކެއް އެ ކުލަބު މެދުވެރިކޮށް ހިންގާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް