"ރަވާނާ" ބޯޓުން ދަތުކުރި މީހުންގެ ހާލު ނާއިބު ރައީސް ބައްލަވާލައްވައިފި

ނާއިބު ރައީސް ފައިސަލް ރަވާނާ ބޯޓުން ދަތުކުރި މީހުންގެ ހާލު ބައްލަވަނީ --- ފޮޓޯ: ރައީސް އޮފީސް

މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި "ރަވާނާ" ބޯޓު ގައި ރޯވެ އަނދައިގެންދިޔުމާ ގުޅިގެން، ބޯޓުގައި ދަތުރުކުރި މީހުން ހާލު ނާއިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

އެ ބޯޓުގައި ތިިބި މީހުން މިއަދު ކޯސްޓްގާޑުގައި ވަނީ މާލެ ގެެނެސްފައެވެ. އަދި އެ މީހުން މާލެ ގެނައި ތަނަށް ފައިސަލް ވަޑައިގެން އެމީހުންގެ ހާލު ވަނީ ބައްލަވައިފައެވެ.

ފުވައްމުލަކަށް ނިސްބަތްވާ އެ ބޯޓު ވަނީ އަނދާ ހުލިވެފައެވެ. އޭރު އެ ބޯޓުގައި 16 މީހުން ތިއްބެވެ. އެ ހާދިސާގައި އެކެއްގެ ހާލު ސީރިއަސްވެ އޭނާ ވަނީ މަރުވެފައެވެ.

އެ ހާދިސާގައި މަރުވީ ފުވައްމުލަކު ކިނބިދޫގޭ މުހައްމަދު އަހުމަދުއެވެ. ފަސް ދޮޅަސް ދެއަހަރުގެ އޭނާ މަރުވީ ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެ ބޯޓުގައި ހަތް ދިވެހިންނާއި ނުވަ ބިދޭސީން ތިއްބެވެ.

އެ ބޯޓުގައި ތިބި މީހުން ފަހުން ވަނީ ސީ އެމްބިއުލާންސްގައި ދ. ހުޅުދެއްޔަށް ގެންގޮސްފައެވެ.

comment ކޮމެންޓް