އިދިކޮޅު ޖަމާއަތްތަކުގެ ބޭނުން ކެނޑުމުން އެމެރިކާ އެޖަމާއަތްތައް ދޫކޮށްލާނެ : ބައްޝާރު

ސޫރިޔާގެ ރައީސް ޑރ. ބައްޝާރުލްއަސަދު --

ދިމިޝްގު (ފެބްރުއަރީ 18) : ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލުމުގައި އެމެރިކާއަށް ވާގިވެރިވި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޭނުން ކެނޑުމުން އެމެރިކާ އެޖަމާއަތްތައް ދޫކޮށްލާނެ ކަމަށް ރައީސް ބައްޝާރުލްއަސަދު ވިދާޅުވެއްޖެއެވެ.

ދިމިޝްގުގައި ކުރިޔަށްދާ ސޫރިޔާގެ ޕްރޮވިންސްތަކުގެ ލޯކަލް ކައުންސިލްތަކާބެހޭ މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ބައްޝާރު ވިދާޅުވީ ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމަށް ޣައްދާރުވެ ގައުމު ހަލާކުކޮށްލުމުގައި އެމެރިކާ އާއި ޔޫރަޕާ ބައިވެރިވި ޚާއިނުން މިހާރު އަސްކަރީ ގޮތުން ބަލިކަށިވެފައިވާތީ އެމެރިކާއާއި ޔޫރަޕަށް މިހާރުވެސް އެމީހުންގެ ބޭނުން ކެނޑިފައިވާ ކަމުގައެވެ.

މިގޮތުން އެމެރިކާގެ ބޭނުން ކެނޑުމުން އެމީހުންގެ ހިމާޔަތުގައި އެމެރިކާ ނުނުކުންނާނެ ކަމަށް ބައްޝާރު ވިދާޅުވިއެވެ. ބައްޝާރު ވިދާޅުވީ ޑިމޮކްރަސީ އާއި އިސްލާހުގެ ނަމުގައި ވާހަކަ ދައްކާ ބޭރުގެ އިސްތިއްމާރީ ބާރުތަކުގެ ބޭނުމަކީ ސޫރިޔާއާ އަދި އެގައުމުގެ އިތުރުން ސަރަހައްދުގެ އަރަބި އެހެން ގައުމުތައްވެސް ބައިބައިކޮށް ސަރަހައްދަށް ވެރިވެގަތުމުގެ ފުރުސަތު އިސްރާއީލަށް ހޯދައި ދިނުން ކަމުގައެވެ. މި ރޭވުން ތަންފީޒުކުރަން ބޭރުގެ ބާރުތަކުންކުރާ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިޔަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްޝާރު އިތުރަށް ވިދާޅުވީ ދުޝްމަނުން ހަތަރު ބާވަތެއްގެ ހަނގުރާމަ ސޫރިޔާއާ ދެކޮޅަށް ކުރަމުން ގެންދާކަމަށާ އެ ހުރިހާ ހަނގުރާމަތަކެއްވެސްވަނީ ސޫރިޔާ އާއި ސަރަހައްދުގެ އަރަބި ގައުމުތައް ބައިބައިކޮށްލުމުގެ ރޭވުންތަކާ ގުޅިފައި ކަމުގައެވެ. ބޭރު ގައުމުތަކުގެ އެހީގައި ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލުމުގައި ބައިވެރިވި ސޫރިޔާގެ ހަނގުރާމަވެރިންނަކީ ގައުމަށް ޣައްދާރުވި ޚާއިންނުން ކަމަށާ އެމީހުން ލައްވައި ބޭރުގެ ފަރާތްތަކުން އުޅުނީ ސޫރިޔާ ބައިބައިކޮށްލުމަށް ކަމަށް ބައްޝާރު ވިދާޅުވިއެވެ.

ނަމަވެސް ދުޝްމަނުންނާ ގުޅުންތައް ކަނޑާލައި ޚިޔާނަތްތެރިކަން ދޫކޮށް އަލުން އަނބުރައި ހައްގަށް ރުޖޫއަވެއްޖެނަމަ ގައުމުގެ މުވާތިނުންގެ ގޮތުގައި އެމީހުން ބަލައިގަންނާނެ ކަމަށާ އަދި ގައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތުގައިވެސް އެމީހުން ޝާމިލްކުރަން ތައްޔާރަށް ހުންނެވި ކަމަށް ބައްޝާރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ހައްގަށް އަލުން ރުޖޫއަވުމަކީ އަމާންދީ އެމީހުންގެ ހަތިޔާރުތައް ސޫރިޔާ ސިފައިންނާ ހަވާލުކޮށް ހަތިޔާރު ދުޝްމަނުންނާ ގުޅުންތައް ކަނޑާލުން ކަމަށް ބައްޝާރު ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް