ކްލައިމެޓް ޑިޕްލޮމަސީގައި ހުއްޓާނުލާ އަޑު އުފުލާނަން: ޝާހިދު

"ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ކުރިއަށްދާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ޓްވިޓާ

ބައިނަލްއަޤްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވަރސިޓީތައް ގުޅިގެން ބ އަތޮޅު ދިގުފަރު ރިޒޯޓްގައި "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ކުރިއަށްދާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޒަމާނުއްސުރެ ޑިޕްލޮމެސީގައި އިސްކަންދެވިފައިވަނީ ޤައުމީ މަސްލަހަތަށް ނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ދިފާއުގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން މީގެ ކުރިން އިސްނަގާފައިވާކަމަށާއި ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާއި ބެހޭ މަޝްވަރާތަކުގައި ކާމިޔާބު ނުލިބިވަނީ ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ނަމަވެސް، ޒަމާންވީ ޑިޕްލޮމަޓިކް އުސޫލުތަކުގައި އާންމުކޮށް އޮންނަނީ އެ ގައުމަކަށް ލިބެންއޮތް ފައިދާއަކަށް ބަލައި އަނެއް ގައުމަށް ދޫދިނުމުގެ އުޞޫލު. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރަނީ ވަކި ގައުމެއްގެ ސަރަހައްދީ އިމުގެ ތެރޭގައި، ވަކި ބަޔަކަށް، ވަކި މިންވަރަކަށް ނޫން،" މިނިސްޓަރު ވިދާޅުވީ މި އުސޫލުތަކަށް ރިއާޔަތްކޮށް މި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެމަޝްވަރާތަކުގައި ބައިވެރިވާ ތަޖުރިބާކާރުންނަށް ފާހަގަކުރެވިފައިވާކަމަށެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަދި ފަރަންސޭސީވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް