ހުޅުމާލޭ އާ މާރުކޭޓު ރޯދައަށް ހުޅުވޭވަރުވާނެ!

ހުޅުމާލޭގައި އަޅާ މާރުކޭޓުގެ ޕްލޭން ފެންނަ ފޮޓޯއެއް-- ފޮޓޯ: ޓްވިޓާ

ހުޅުމާލޭގައި ޒަމާނީ ފެންވަރަކަށް އަޅާ ލޯކަލް މާރުކޭޓު މި އަހަރުގެ ރޯދަ އަށް ހުޅުވޭވަރުވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނީ އާ މާރުކޭޓުގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މާރުކޭޓާ އެކު ހަދާ ފުޑް ކޯޓުތަކުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުގެ ދެކުނުން އިމާރާތްކުރި މާރުކޭޓުގައި މަހާއި ދިވެހި އުފެއްދުންތައް ވިއްކުމަށް 63 ސްޓޯލް އަދި ކެފޭ ސްޓައިލަށް ހިންގުމަށް އަށް ސްޓޯލް ހުންނާނެ އެވެ. މީގެ އިތުރުން ސެކިއުރިޓީ އޭރިޔާ އަކާއި ގާބޭޖް އޭރިޔާއެއް ވެސް އެ ސަރަހައްދުގައި ހުންނާނެ އެވެ.

މި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ.

އެޗްޑީސީ އިން ބުނީ ރޯދައާ ދިމާކޮށް އާ މާރުކޭޓު ހުޅުވި ނަމަވެސް، މިހާރު ވެސް ބޭނުން ކުރަމުންދާ ލޯކަލް މާރުކޭޓް ރޯދަ މަސް ނިމެންދެން ބޭނުން ކުރާނެ ކަމަށެވެ. އަދި އާ މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް