ބަނޑު ނުފުރޭ އަންހެން މީހާއާއި ތޮއްޑޫގެ "ގަނޑުވަރު"ގެ ވާހަކަ

ތޮއްޑޫގައި ހަދާފައި ހުރި ގަނޑުވަރުގެ ކޮޓަރިއެއް: އެ ކޮޓަރީގައި ބަހައްޓާފައި ހުރީ އުނދޯއްޔެއް ކަމަށްވޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އއ. ތޮއްޑޫއިން: އއ. ތޮއްޑޫ އަކީ ތާރީހީ ގޮތުން، ފާހަގަކޮށްލެވޭ މުހިންމު ރަށެކެވެ. އެރަށުގައި ބުޑިސްޓުން އަޅުކަން ކުރަން ހެދި ދާގަބާއަކާއި އެރަށް އިސްލާމްވި ފަހުން ބިނާކުރި ދުވަސްވީ މިސްކިތަކާއި އެ ރަށުގައި މަރުވި ބައެއް މީހުންނަށް ހަދާފައި ހުރި ޒިޔާރަތްތައް، ކޮންމެވެސް ވަރެއްގެ ގެއްލުންތަކަކާ އެކު ނަމަވެސް، އަދި އަދަދަށް ދާންދެންވެސް ފެންނާން އެބަ ހުއްޓެވެ. ނަމަވެސް، މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް، ތޮއްޑޫއަށް އަޅުގަނޑު ކުރި ޒިޔާރަތުގައި އެންމެ ބޮޑަށް ޝައުގުވެރިވީ އެ ރަށުގައި މީގެ އެތައް އަހަރެއް ކުރިން އަޅާފައި ހުރި މަގާމުފުޅަކަށާއި އެ މަގާމުފުޅާ ގުޅުވައިގެން ދެކެވޭ ފުލޯކު ވާހަކަތަކަށެވެ. އެ މަގާފުޅަކީ "ގަނޑުވަރެއް" ކަމަށް އަޅުގަނޑަށް މައުލޫމާތު ދިން އެކަކު ބުނާ އިރު، އެހެން މީހުން ބުނަނީ އެއީ މާ ކުރީއްސުރެ ވެސް ހުރި މަގާމުފުޅެއް ކަމަށެވެ.

ބަނޑު ނުފުރޭ އަންހެން މީހާގެ ވާހަކަ!

އެއީ ހުކުރު ދުވަހެކެވެ. އެ ރަށާއި ރަށުގައި ހުރި ތާރީހީ ތަންތަން ބަލާލަން ނުކުތީ، އެރަށުން އުފެދުނު ރަހުމަތްތެރިއަކާ އެކު، ހެނދުނު 10:00 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

ތޮއްޑޫ ދާގަބާ އާއި އެ ރަށުގައި ހުރި ޒިޔާރަތްތަކާއި ދަނޑުބިންތައް ބަލާލުމަށް ފަހު އެންމެ ފަހުން ރަހުމަތްތެރިޔާ އަޅުގަނޑު ގޮވައިގެން ވަނީ އެ ރަށުގެ ހުޅަނގު ދެކުނުގައި، ބޮޑު މަގު ނިމޭ ހިސާބުގައި އޮތް ފަޅޯ ދަނޑަކަށެވެ. މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހުރި ތަނެކެވެ. އެ ދަނޑުގެ މެދުގައި ވީރާނާވެފައި ހުރި ގެއެއްގެ ހަތަރު ފާރު ހުއްޓެވެ.

މިހާރު ވީރާނާވެފައިވާ މަގާމުފުޅުގެ ހަތަރު ފާރު: އެތަން ހުރީ ފަޅޯ ދަނޑެއްގެ ތެރޭގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަހުމަތްތެރިޔާ ބުނި ގޮތުގައި އެތަނަކީ ފަރުވާއެއް ނެތް ބައްޔެއް ޖެހުނު އަންހެނަކު މީގެ އެތައް އަހަރެއް ކުރިން ދިރިއުޅު "ގަނޑުވަރެ"ކެވެ.

އެތަނަށް ވަންނަން ގަލުން ހިނގާރިއެއް ހަދާފައި އޮތެވެ. ދުވަސްވުމާ އެކު ހަލާކުވަމުންދާ އެ ހިނގާރީގެ މަތީގައި އޮތީ ވިނަ ފަޅާފަ އެވެ. އެ ގޭގެ ހަތަރު ފާރާއި އެތެރޭގެ ފާރުތައް ފެންނަން ހުއްޓެވެ. އެ ފާރުތައް ވެސް ދުވަސްވުމާ އެކު ހުރީ ހަލާކުވެފަ އެވެ. އާންމުކޮށް ފުރާޅުތައް ހުންނަ އުސްމިނަށް ވުރެ އެ ފާރުތައް ތިރި އެވެ. އެތަނުގެ ތެރޭގައި ހުރީ ކުނި ބުންޏެވެ. ދަނޑުވެރިކަމަށް ބޭނުން ކުރާ ބައެއް ސާމާނު ވެސް އެތަނުގެ ތެރޭގައި ހުއްޓެވެ.

މަގާމުފުޅަށް ވަންނަން ހަދާފައި އޮތް ހިނގާރި: އެތަނުގެ މަތީގައި މިހާރު ވަނީ ވިނަހެދި ފޮރުވިފައި -- ސަން ފޮޓޯ

ރަހުމަތްތެރިޔާ ކިޔައިދިން ގޮތުގައި އެ ގޭގައި ދިރިއުޅުނު އަންހެން މީހާ އަކީ އެ ބައްޔެއް ޖެހުމުން، ކާ އެއްޗެތި ހަޖަމް ނުވެ ބޭރުވާ ފަދަ ބައްޔެއް ޖެހުނު އަންހެނެކެވެ. އެހެން ކަމުން ކިތަންމެ ވަރަކަށް ކެޔަސް އޭނާގެ ބަނޑު ނުފުރޭ ކަމަށްވެ އެވެ.

އެ ބައްޔަށް ފަރުވާއެއް ނެތުމުން، އެ އަންހެން މީހާ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް، ވަކިން ދިރިއުޅުމަށް ފޮނުވާލީ އެވެ. ވަކިން ދިރިއުޅެން ޖެހުމުން، އެ އަންހެން މީހާ ކައި ހެދީ ދަންވަރު ގަޑީގައި އެހެން މީހުންގެ ބަދިގެތަކަށް ވަދެ އެވެ.

"ކުރީ ޒަމާނުގައި ބަދިގެތައް ހުންނާނީ ގެ ކައިރީގައި ވަކިން ހަދާފައި. ދެން އޭނަ އެތަންތަނަށް ވަދެ އެ އެއްޗިއްސަށް ބޮޑުކަމު ގޮސްފައި ނޫނީ ހޮޑުލާފައި ނޫނީ ވެލި އަޅާފައި ދަނީ އެހެން މީހަކަށް ނުކެވޭ ވަރު ކޮށްފައި،" އެ އަންހެން މީހާގެ ވާހަކަ ފަށަމުން ރަހުމަތްތެރިޔާ ބުންޏެވެ.

އެ ޒަމާނަކީ ތަދު ޒަމާނެކެވެ. މީހުންނަށް ކާބޯތަކެތި ލިބުނީ ވަރަށް ހާލުންނެވެ. އެހެން ކަމުން އެ އަންހެން މީހާގެ އަމަލުތަކުން ރަށު މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާން ފެށި އެވެ. އެކަން ހުއްޓުވަން ކޮންމެވެސް ކަމެއް ކުރަން ރަށު މީހުންނަށް މަޖުބޫރުވި އެވެ.

"އެހެންވީމަ އެކަން ހުއްޓުވަން ރަށު މީހުން އޭނައަށް ގަނޑުވަރެއް އަޅައިދިނީ. ގަނޑުވަރެއް އަޅާފައި މި ބުނަނީ ކަލޭ ރަށުތެރެއަށް ނާރައްޗޭ. ބަދިގެތަކަށް ވަދެ ނުކައްޗޭ. ތިމަންނަމެން ކާންދޭނަމޭ. މިއީ އޭރުގެ ގަނޑުވަރެއް. އޭރު [އެހެން ގެތައް] ހުންނާނީ ފަނުން ހަދާފައި."

"ގަނޑުވަރު" އަޅައިދިނުމަށް ފަހު އަންހެން މީހާއަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔައީ ރަށު ރައްޔިތުންނެވެ. ކޮންމެ ދުވަހަކު ކޮންމެވެސް މީހަކު އޭނާއަށް ކާބޯތަކެތި ގެންގޮސްދީ ހެދި އެވެ.

މަގާމުފުޅުގެ އެތެރޭގެ ކޮޓަރިއެއްގެ ފާރު: އެ ފާރުތައް ވަނީ ހަލާކުވާން ފަށާފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ނަމަވެސް، އެ ނިޒާމުގެ ތެރެއިން ކަންތައް ކުރެވުނީ އެންމެ ދެތިން ދުވަހު ކަމަށްވެ އެވެ. އެ އަންހެން މީހާއަށް އާދަވެފައި ހުރި ގޮތަށް އަނެއްކާ ވެސް ބަދިގެތަކަށް ވަންނަން ފެށީއެވެ.

"އެއް ރޭ އެހެން ވަގަށް ކައިގެން އަންނަނިކޮށް މި ފެންނަނީއޯ ދިއްގާ ގަހެއްގެ ދަަށުން، ހުދު ގަމީހެއް ލައިގެން، ބޮލުގައި ތާކިހަލެއް އަޅައިގެން، ތަސްބީހަ ފައްޗެއް ހިފައިގެން ހުރި މުސްކުޅި ވަރެއްގެ މީހެއް. މީހުން ކިޔައި އުޅެނީ އެއީ މުއުމިން ޖިންނިއެކޭ. އޭތި އޭނަ ކައިރީގައި ބުނި ކަމަށް ވަނީ ތިން ދުވަސް ވަންދެން އެގޮތަށް ކަންތައް ކުރުން ހުއްޓާލައިފިއްޔާ ކަލޭ ދުނިޔޭގައި ބޭނުންވާ ކޮންމެ އުފަލެއްވެސް ހޯދަދޭނަމޭ. އެ ވާހަކަ އެ އަންހެން މީހާ އުފަލުން ރަށު މީހުންނަށް ކިޔައިދިން ކަމަށް ވަނީ. ދެން ރަށު މީހުން އޭނައަށް މަލާމާތް ކުރި ކަމަށް ވަނީ ތިކަމެއް ނުވާނެއޭ، ގަނޑުވަރެއް އަޅައިދިނީމަވެސް ކަލެއަށް ތިކަމެއް ނުވިއެއްނޫންހޭ ކިޔާފައި،" ރަހުމަތްތެރިޔާ ކިޔައިދިނެވެ.

އެ އަންހެން މީހާ ތިން ދުވަސް ވަންދެން ބަދިގެތަކަށް ނުވަދެ އުޅެވޭތޯ ބެލި އެވެ. ފުރަތަމަ ދުވަހު އޭނާއަށް ނުގޮސް ހުރެވުނެވެ. ދެވަނަ ދުވަހު ހުރެވުނީ ކިރިޔާ އެވެ. ބަދިގެޔަކަށް ވަންނަން ގޮސްފައި ވެސް އަނބުރާލާފައި ގަނޑުވަރަށް ދަނީ އެވެ. ތިންވަނަ ދުވަހު އޭނާއަށް ނުހުރެވިގެން މީހެއްގެ ބަދިގެއަށް ވަދެ ކެއީ އެވެ.

އޭގެ ދެތިން ދުވަސް ފަހުން ފެނުނީ އެ އަންހެން މީހާ މަރުވެފައި އޮއްވަ އެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ މުއުމިނު ޖިންނިއާ ދިމާވި ކަމަށް ބުނާ ދިއްގާ ގަހުގެ ދަށުގަ އެވެ.

އެ އަންހެން މީހާގެ ހަށިގަނޑު ވަޅުލާފައި ވަނީ އޭނާގެ ގަނޑުވަރުގައި އޭނާ ނިދާ ކޮޓަރީގައި ކަމަށްވެ އެވެ. އެ ކޮޓަރީގެ އިން މިހާރު ވެސް ވަކި ކުރެވެ އެވެ. އެތަނުގެ ތެރޭގައި މިހާރު އަޅާފައި ހުރީ ހުސް ކުންޏެވެ.

ގަނޑުވަރުގައި ދިރިއުޅުނު އަންހެން މީހާ ވަޅުލާފައި އޮތް ކަމަށް ބުނާ ކޮޓަރި: އެތަނަށް މިހާރު ވަނީ ކުނި އަޅާފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެއީ ގަނޑުވަރެއް ނޫން!

އެހެންނަމަވެސް ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެ "ގަނޑުވަރަ"ކީ އެ އަންހެން މީހާއަށް އަޅައި ދިން ތަނެއް ނޫނެވެ. އެއީ މާ ކުރީން ވެސް ހުރި މަގާމުފުޅެކެވެ.

"އެ ކަހަލަ ގޮތަކަށް މީހުންނަށް އުނދަގޫ ކުރި މީހަކަށް ރަށު މީހުން ގަނޑުވަރެއް އަޅައިދީފާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރޭ." ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ "އެ މަގާމުފުޅަކީ މީގެ އެތައް އަހަރެއް ކުރީން އެ ރަށަށް ލެއްގި ވަލީވެރިޔަކުގެ މަގާމުފުޅެއް." ކަމަށާއި ކުރީން އެ ތަނުގައި އުނދޯއްޔެއް ހުރި ކަމަށާއި އެ ތަނަށް ދާ މީހުންނަށް އެ އުނދޯލި ހެއްލޭ އަޑު އިވިގެން ބިރުން އުޅޭތީ އެ އުނދޯލި ނަގައި، ފަހުން އެނދެއް ބެހެއްޓީ ކަމަށެވެ. އަދި އެ އެނދުގައި ވެސް މީހަކު ނިދާފައި ހުންނަ އަސަރުތަކެއް ހުންނަ ކަމަށެވެ. އަދި އެ އަންހެން މީހާ އެ ތަނުގައި ދިރިއުޅުނު ކަމަށާއި ނަމަވެސް އެއީ އޭގެ މާ ފަހުގެ ކަމެއް ކަމަށެވެ.

މަގާމުފުޅަކީ އިލްމުވެރި ވަލީވެރީން ކޮންމެވެސް ޒަމާނެއްގައި މަޑުކޮށްލައްވަން ހަދާފައި ހުންނަ ތަންތަނެވެ.

ނާާމާން ވާހަކަތަކެއް!

މިއަދު އެ މަގާމުފުޅު ވީރާނާވެފައި ހުއްޓަސް ދެހާހުގެ ކުރީކޮޅު އެތަން ހުރީ ހިޔާވެސް ކޮށްފަ އެވެ. އެތަން ކޮންމެ ދުވަހަކު ސާފުކޮށް ވެސް ހެދި އެވެ. އެއީ އެ ސަރަހައްދު ދަނޑުވެރިކަން ކުރުމަށް ދޫކުރުމުގެ ވެސް ކުރިންނެވެ. އޭރު އެ ސަރަހައްދަކީ ރަށުގެ ވަލުތެރެ އެވެ.

އެ ދުވަސްވަރު ޒުވާނުން ސަކަރާތްޖެހުމަށް އެ ތަނަށް ވަދެ އުޅުނެވެ. އެހެން ނަމަވެސް 2007 ވަނަ އަހަރު، ޒުވާނުންތަކެއް އެ ތަނަށް ވަދެ އުޅުމުގެ ތެރޭގައި، އޭގެ ތެރެއިިން ޒުވާނަކަށް ހިނގައި ދިޔަ ހާދިސާއަކަށް ފަހު އެތަނަށް މީހުން ގޮސް އުޅުން ހުއްޓާލި ކަމަށް ރަހުމަތްތެރިޔާ ކިޔައިދިނެވެ.

"އެއްބަޔަކު އުޅުނީ ހިނގައި، ތަން ބަލައި، ސަރަކަރާތްޖެހުމުގައި. މި ބުނާ މީހާ އިނީ ޖޯލީގައި އުނދޯލި ހެއްލަން. ހެއްލަން ހުއްޓާ ފާރުގަ އިން ބަލަކުން މި ފެންނަނީ އަންހެނަކު ހުރަސް ކަނޑާފައި ދާތަން. އޭނަ ބިރުން ބޯ ދިއްކޮށްލާފައި ބަލާލި އިރު ފެންނަނީ އަންހެނަކު ބޯ ހާވާލައިގެން ހުއްޓާ،" ރަހުމަތްތެރިޔާ ކިޔައިދިނެވެ.

މަގާމުފުޅުގައި އުނދޯލި ބަހައްޓަން ހަދާފައި ހުރި ހާއްސަ ކޮޓަރި: މިހާރު އެތަނުގައި އުނދޯއްޔެއް ނުހުރޭ -- ސަން ފޮޓޯ

އެ މަންޒަރު ފެނުމުން ޒުވާނާ ހޭނެތިގެން ވެއްޓުނު ކަމަށް ރަހުމަތްތެރިޔާ ކިޔައިދިނެވެ. އަދި އޭނާ ފަހުން ހުން އައިސްގެން ފިޓުޖެހިގެން އުޅުނު ކަމަށާއި، އެއީ ޖިންނީގެ ކަމެއް ކަމަށް ރަށު މީހުން ކިޔާ އުޅޭ ކަމަށް ރަހުމަތްތެރިޔާ ކިޔައިދިނެވެ.

އަދި އަދަށް ދާންދެން ވެސް އެ މަގާމުފުޅާ ބެހޭ ގޮތުން ވާހަކަތައް ދެކެވެ އެވެ. އެގޮތުން އެތަނަކީ ސިހުރު ހަދާފައި ހުރި ތަނެއް ކަމަށާއި، އެތަނުން ނާމާން އަޑުތައް އިވޭ ކަމަށް ތޮއްޑޫގެ ބައެއް މީހުން ބުނެ އުޅެ އެވެ. އެހެން ނަމަވެސް، އެއީ އެކަމުގެ ހަގީގަތް ނޭނގޭ ކަމެކެވެ.

ކޮންމެ ފުލޯކު ވާހަކައަކީ ވެސް އެއާ ގުޅިފައިވާ ކޮންމެވެސް ހަގީގަތްތަކެއް ހިމެނޭނެ ވާހަކައެއް ކަން ޔަގީނެވެ. ނާޑުކަތާތަކާއި ވެހިވާހަކަތަކުގައި ސަގާފަތާއި ތާރީހާ ގުޅުން ހުރި އެތައް ކަމެއް ފޮރުވިފައި ހުންނާނެ އެވެ. އެއިން އިލްމީ ފައިދާއެއް ލިބޭނީ އެކި ޒާވިޔާތަކުން އެ ކަންކަން ދިރާސާކޮށްގެންނެވެ.

comment ކޮމެންޓް