އިންޑިޔާގެ ހިންދޫން މުސްލިމުންނަށް ގޯނާކޮށް ހަމަލާތައް ދޭންފަށައިފި

އިންޑިޔާގެ މުސްލިމުން

ނިއުދިއްލީ (ފެބްރުއަރީ 17) : މިދިޔަ ހަފްތާގައި އިންޑިޔާ ގެ ޕެރަމިލިޓްރީ ސިފައިންގެ 44 މީހުން ކަޝްމީރުގައި މަރާލި ހަމަލާއަށްފަހު، އިންޑިޔާގެ އެކި ސްޓޭޓްތަކުގައި އެގައުމުގެ މުސްލިމުންނަށް އަމާޒުކޮށްގެން ހިންދޫންގެ ފަރާތުން ބޮޑެތި ގޯނާތަކެއް ކުރިމަތިވަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެގައުމުގެ އެތަށް ސްޓޭޓެއްގައި ހިންދޫން ގެންދަނީ މުސްލިމުންގެ ގެތަކަށް ހަމަލާދީ އަދި ބައެއް އާއިލާތައް އެމީހުންގެ ގެދޮރުން ބޭރުކުރުންފަދަ ހަރުކަށި އަމަލުތައް ހިންގަމުންނެވެ. މީގެއިތުރުން ވަޒީފާގައި އުޅޭ މުސްލިމުން ވަޒީފާއިން ވަކިކޮށް މުސްލިމުންނާ މަގުމަތިން ދިމާކުރުމާއި މުސްލިމް އަންހެނުން ރޭޕްކުރާނެކަމުގެ އިންޒާރު ދިނުން ފަދަ ހަރުކަށި އަމަލުތައްވެސް މުސްލިމުންނާ ދެކޮޅަށް އިންޑިޔާގެ އެތަށް ސްޓޭޓެއްގައި ހިންގަމުން ގެންދާކަމަށާ މި ފަދަ ޖަރީމާތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވަމުންދަނީ އިންޑިޔާގެ އެކި ސްޓޭޓްތަކުގައި ދިރިއުޅޭ ކަޝްމީރުގެ މުސްލިމް އާއިލާތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާގެ މައި ސަރުކާރުގެ ބައެއް މަސްއޫލުވެރިންވެސް ވަނީ މިފަދަ ގޯނާތައް އިންޑިޔާގެ މުސްލިމުންނަށާ އަދި ޚާއްސަކޮށް ޖަންމޫ ކަޝްމީރުގެ މުސްލިމުންނަށް އެގައުމުގެ އެކި ސްޓޭޓްތަކުގައި ކުރިމަތިވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަޝްމީރުގައި މަރާލި އިންޑިޔާގެ ޕަރަ މިލިޓްރީ ސިފައިންގެ 44 މީހުންގެ ޖަނާޒާ އިއްޔެވަނީ ރަސްމީ އިއްޒަތުގައި ބާއްވާފައެވެ. އުއްތުރަ ޕްރަދޭޝްގެ އާގަރާގައި ބޭއްވި އެ ޖަނާޒާގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި އިންޑިޔާ މައިސަރުކާރުގެ އިސްވެރިންގެ އިތުރުން ސިފައިންގެ އާއިލާތަކުގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ.

އިންޑިޔާ ސިފައިންނަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ޖަންމޫ ކަޝްމީރުގައި ހަމަލާދީފައިވަނީ އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖައިޝު މުހައްމަދު ނަމަކަށްކިޔާ ޖަމާއަތުންނެވެ. އެހަމަލާދީފައިވަނީ ގޮވާތަކެތި އަޅާފައިވާ ކާރެއް އިންޑިޔާ ސިފައިންގެ ޕަރަ މިލިޓްރީ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއްގައި ޖައްސައި އެކާރު ގޮއްވާލައިގެންނެވެ. އެއީ މީހަކު އަމިއްލައަށް މަރުވެގެންދިން ޓެރަރިސްޓް ޙަމަލާއެއް ކަމަށް އިންޑިޔާ ސަރުކާރުންވަނީ ސިފަކޮށްފައެވެ.

އިންޑިޔާ ސިފައިންނަށް އަމާޒުކޮށް އެ ހަމަލާދިނީ އިންޑިޔާ ސިފައިން ކަޝްމީރުގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވާ މުސްލިމް އާއިލާތަކަށް އިންސާފު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ޖައިޝު މުހައްމަދު ޖަމާއަތުން ބުނެއެވެ.

އެ ހަމަލާއަކީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކުން އިންޑިޔާ ސިފައިންނަށް އަމާޒުކޮށްގެން ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައިވެސް ދިން އެންމެ ނުރައްކާތެރި އަދި އިންޑިޔާ ސިފައިންގެ އެންމެ ގިނަމީހުން މަރުވި ހަމަލާއެވެ.

އަނެއްކޮޅުން 2016 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން، 2018 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އިންޑިޔާ ސިފައިން ޖަންމޫ ކަޝްމީރުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ކަޝްމީރުގެ އާންމުންގެ 145 މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. ން ނެރުނު ރިޕޯޓެއްގައިވަނީ ހަމަކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ އިންޑިޔާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ދެއްވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު