ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އަލީ ވަހީދު އިންޑިއާއަށް ވަޑައިގަންނަވަނީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ: އޭނާ އަންނަ ހުކުރު ުދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވާނެ --- ސަން ފޮޓޯ

ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި އިންޑިޔާއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންޑަ 13 އިންޓަކޮންޓިނެންޓަލް ކަޕަށް ދުބާއީއަށް ވަޑައިގަތުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ، އޭނާ އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މި ހަފްތާގެ ފަހު ކޮޅު، ހުކުރު ދުވަހު އަޅުގަނޑުމެން ކަލްޗަރަލް އެސްޕެކްޓުން ރާއްޖެއަށް ލިބެން ހުރި ފައިދާތަކާއި އޮޕޮޗުނިޓީސް ހޯދުމަށްޓަކައި އަވަށްޓެރި އިންޑިއާއަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައި،"

އަލީ ވަހީދު ވިދާޅުވީ، އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ "ޓައިމްސް އޮފް އިންޑިއާ"އިން ދެއްވާފައިވާ ދަތުއަވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

އެ ދަތުރުފުޅުގައި މާލޭ، އައްޑު އަދި ފުވައްމުލަކު ސިޓީގެ މޭޔަރުންނާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބޭފުޅުން ގެންދެވުމުގެ ބޭނުމަކީ އެ ސަރަހައްދުތައް ވަކި މަންޒިލްތަކެއްގެ ގޮތުގައި އިސްތިހާރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަންތަން އިސްތިހާރު ކުރާ އިރު ކައުންސިލުތައްކަށް ބާރުދީގެން އެކަން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިންޑިޔާ އަކީވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް ބޮޑު ސްކޯޕެއް އޮތް ގައުމެއް ކަމަށާއި އެ ގައުމުގައިވެސް ދިވެހި ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން އެ އެގައުމަށް ކުރައްވާ ދަތުފުޅުގައި އެގައުމުގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި އަމާޒު ހިފާފައި ވަނީ މި އަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި ފަސް އަހަރު ނިމޭ އިރު އަހަރަކު 2.5 މިލިއަން ފަތުރުވެރިން އަންނަ ވަރު ކުރުމަށެވެ.

comment ކޮމެންޓް