އިންޑިއާ-ރާއްޖެ ގުޅުމާ މެދު އުފާކުރަންޖެހޭ: ޓޫރިޒަމް މިނިސްޓަރު

ރައީސް ސޯލިހު މޯދީ އާ ބައްދަލުކުރެއްވުން -- ފޮޓޯ: އެކްސްޓާނަލް އެފެއާޒް

އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާ މެދު އުފާކުރަންޖެހޭ ކަމަށާއި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަރަށް ހަރުދަނާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުބާއީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ތިބީ ނުރަނގަޅުކޮށް ކަމެއް ދަންޏާ އެކަމެއްގެ އަޑު އަހައި، މަޝްވަރާކޮށްގެން ކަންކަމުގެ ހައްލު ހޯދުމަށް ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ނުރަނގަޅު ގޮތެއްގައި ބަޔަކު ވާހަކަދައްކަމުން ދާކަން ފާހަގަކުރައްވަމުންނެވެ.

މިނިސްޓަރު އަލީ ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެއިން މިހާރު ގެންގުޅޭ ޚަރިޖީ ސިޔާސަތު ވަރަށް ހަރުދަނާއެވެ. އެއީ ހުރިހާ ގައުމަކާވެސް އެކުވެރި ގުޅުމެއް ބާއްވަމުން ގެންދާތީކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ

"މިދިޔަ އަހަރުތަކުގައި އަޅުގަނޑުމެން އަމިއްލައަށް ވަކި އަތަކަށް މޫނު އަނބުރައިގެން ތިބީ. ހަމައެކަނި ވަކި ކޮޅަކަށް އެނބުރު ގޮތަށް އަނެއް ކޮޅަށް ނޭނބުރޭ ގޮތަކަށް ނޫން [މި ސަރުކާރު އޮތީ]،"

މިނިސްޓަރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާއި ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރިއާއި އެހެނިހެން ގުޅުންތަކާމެދު އުފާކުރަންޖެހޭ ކަމަށެވެ.

"މިހާރުވެސް އެބަ އުޅޭ ބަޔަކު ނުރަނގަޅު ގޮތުގައި މިކަހަލަ އެކުވެރި ގުޅުންތައް ސިފަކުރަމުން. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ޖެހޭނެ [ރާއްޖެ މި އޮތްޕ ލޮކޭޝަނުގައި، ދިވެހިންނާށް ފައިދާހުރި ގޮތަކަށް މަސައްކަތް ކުރަން،"

"މުޒާހަރާ ކުރާކަށް އަދި ނުވޭ"

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އިސްތިގުލަލާއި ދީނާއި ސިޔާދަތު ކޮމްޕްރޮމައިޒްވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

"ތޯތޯ ވާހަކަތަކެއްގެ ގޮތުގައި މިކަހަލަ ވާހަކަތައް ދައްކާ، ހަލަބޮލިކުރަން މަސައްކަތް [އެބަ ކުރޭ]. އަޅުގަނޑު އާދޭހާއެކު ދަންނަވަން އެކަން ނުކުރައްވާ،" މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު އިންޑިއާއާ ރާއްޖޭގެ ގުޅުމާ މެދު ތަފާތު ގޮތްގޮތަށް ދަނީ ބަޔަކު ވާހަކަ ދައްކަމުންނެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރުމާއި ރާއްޖޭގައި ރާޑަރު ސިސްޓަމެއް ގާއިމުކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ކަމަށް ދަނީ ބުނަމުންނެވެ.

https://sun.mv/115318

އަދި އިންޑިއާ ސިފައިން "ރާއްޖެއިން ބޭލުމުގެ ގައުމީ ހަރަކާތެއް"ގެ ނަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވައި، ދަނީ ހަރަކާތެއް ހިންގަމުންނެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހައި، ޓޫރިސްޓުން ގިނައިން ގެނައުމަށް ކަަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ހަމަނުޖެހުން ހިންގުމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި 100 ދުވަސްވެސް މި ސަރުކާރަށް ނުވޭ. އަދި ނުވޭ ކަންނޭނގެ މުޒާހަރާ ކުރާކަށް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރު އޮތީ ކަމެއް ނުރަނގަޅަށް ދާނަމަވެސް އެކަމެއް އަޑު އަހައި، މަޝްވަރާކޮށްގެން ހައްލުކުރުމަށް ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑު އިލްތިމާސްކުރަން އިންޑިއާއާ، އަދި އެހެން ގައުމުތަކާވެސް ގުޅޭގޮތުން އަސްލެއް ނެތް ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް. އޭގެ ސަބަބުން ގެއްލުން ވާނީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް