ކުރީގެ ތަރިންގެ ''ޑްރީމް ޓީމެއް'' ރާއްޖޭގެ ވެޓަރަންސް ޓީމަކާ ވާދަ ކުރަން ގެންނަނީ

މިހާރު ކުޅުން ހުއްޓާލާފައިވާ ރޮނާލްޑީނިއޯ، ޕިރްލޯ އަދި ބެކަމް ---

ކުރީގެ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ "ޑްރީމް ޓީމެއް" މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ސްޕޮންސާކޮށްފައިވާ އަންޑަ 13 އިންޓަކޮންޓިނެންޓަލް ކަޕަށް ދުބާއީއަށް ވަޑައިގަތުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅަ ތަރިން ގެނެސްގެން ފުޓުބޯޅަ މެޗުތައް ބޭއްވުމަކީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއިންވެސް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެފަދަ ޓީމެއް ގެންނަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ ދުނިޔޭގެ ކުރީގެ މޮޅެތި ކުޅުންތެރިން ހިމެނޭ އަދި ކޮމްޕެޓިޓިވްކޮށް ދުނިޔޭގެ އެކި ތަންތަނުގައި ކުޅޭ އޯލްސްޓާ ޑްރީމް ޓީމްސް ގޮތުގައި މި ކުޅޭ ޓީމެއް ގެނެސްގެން ދިވެހިރާއްޖޭގައި އޮކްޓޯބަރު މަހު ބޭއްވުމަށްޓަކައި އަޅުގަނޑުމެންނަށް މިހާރު މިވަނީ ގްރީން ސިގްނަލް ދީފައި،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް ގެންނަން ތަރިންގެ ޓީމުގައި ދިވެހިންގެ ތެރޭގައި މަގުބޫލު، އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާކަން ހޯދާފައިވާ ކުޅުންތެރިން ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެއަށް އަންނަ އިޓަލީ، އިނގިރޭސިވިލާތް އަދި ސައުތް އެމެރިކާގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ގެންނަން ތަރިންގެ ޓީމާ ދެކޮޅަށް ވާދަ ކުރާނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ވެޓަރަންސް ޓީމެއް ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ވެޓަރަންސް ޓީމާއި ބޭރުގެ ތަރިންގެ ޓީމު ބައްދަލު ކުރާ މެޗު އޮންނާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފާހަގަ ކުރާ ފަތުރުވެރިކަމުގެ ދުވަހުގެ އިވެންޓެއްގެ ގޮތުގައި ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ތަރިންގެ ޓީމެއް ރާއްޖެ ގެންނަން ނިންމާފައިވާ އިރު، ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގުގެ ތެރެއިން ލީގެއްގެ ޓީމެއް އަންނަ އަހަރު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް