ޓެންޑާ ބޯޑު އަލުން އެކުލަވާލައިފި

މިނިސްޓްރީ އޮފް ފިނޭންސް އިމާރާތް -- ފައިލް ފޮޓޯ

ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުއްދަ ދިނުމަށް އުފައްދާފައިވާ ނޭޝަނަލް ޓެންޑާ ބޯޑު އަލުން އެކުލަވާލައިފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޓެންޑާ ބޯޑަށް މެމްބަރުން އައްޔަނުކުރާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޗެއާޕާސަނަކާއެކު ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑު ހިނގާނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ޓެންޑާ ބޯޑުގެ ޗެއާއަކަށް ހަމަޖައްސާފައިވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް އެގްޒެކެޓިވް މަރިޔަމް އަބްދުލްނާސިރެވެ.

ޓެންޑާ ބޯޑުގެ ސެކްރެޓޭރިއަޓުގެ ގޮތުގައި އައްޔަނުކޮށްފައިވަނީ ފިނޭންސް މިނިސްޓަރުގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަހްމަދު މުޖުތަބާއެވެ.

އެ ބޯޑުގައި ދެން ހިމެނެނީ ރައީސް އޮފީހުގެ ޑިރެކްޓަރު އުބައިދުﷲ އަލީއާއި، ޕްލޭނިންގް މިނިސްޓްރީގެ އިންޖިނިއަރު އާމިރު މުސްތަފާއާއި، އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީ އިސްމާއިލް ސިމާންގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު އަފްސަލް ހުސައިނާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު އަދި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި އިބްރާހިމް ނާހިދެވެ.

ނޭޝަނަލް ޓެންޑާ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕަބްލިކް ޕްރޮކިއުމަންޓުގެ ކަންކަން ރެގިއުލޭޓުކޮށް ބެލެޖެއްޓުމެވެ.

އެ ބޯޑުން 2.5 މިލިޔަން ރުފިޔާއަށް ވުރެ ބޮޑެތި އަގުތަކުގެ ޕްރޮކިއުމަންޓުތައް ކުރިއަށްދާނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ދަށުންނެވެ.

comment ކޮމެންޓް