ހިމާޔަތްކޮށްފައިވާ ކޭލަކުނު ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ

ހދ. ކޭލަކުނު. ހިމާޔަތްކޮށްފައިވާ އެ ރަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި---

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގާނޫނު ގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފިއެވެ.

އެ އަތޮޅު ކައުންސިލުން ބުނީ އެތަން ބަލަހައްޓާނެ ފަރާތެއް ހޯދަނީ ވަގުތީގޮތުން ކަމަށެވެ.

އަދި އެތަން އެ ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެރަށް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އަގު ހުށަހަޅަންޖެހޭނެ ކަމަށް ހދ. އަތޮޅު ކައުންސިލުން ބުންޏެވެ.

ހިމާޔަތް ކޮއްފައިވާ ކޭލަކުނަކީ ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެ ރަށަކީ ރާއްޖޭގައި ޖަންގައްޔެއް އޮންނަ ހަމައެކަނި ރަށެވެ. ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ އެ ރަށުގައި ބޮޑު ކުޅިއެއް ވެސް އޮވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ރަށް ވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް ވަކާލާތު ކުރާ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް ސޯލިހު މިއަދު ނިންމަވާފައިވާ އިރު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެއްކަން ފާހަގަކޮށްލެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް