އާޒިމާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލައިފި

އައިޝަތު އާޒިމާ ޝަކޫރު ---

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި އިތުރު ދައުވާއެއް އުފުލައިފި އެވެ.

މިއަދު ޕީޖީ އޮފީހުން ބުނެފައި ވަނީ އާޒިމާގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް، މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމާނާ ކޮށްްފާނެ އެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފާނެ އެވެ. ނުވަތަ އޭނާ ޖޫރިމާނާ ކުރުމާ އެކު ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފާނެ އެވެ.

ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީނަށް މަނީ ލޯންޑަ ކޮށްދިނުމަށް އެހީތެރިވުމުގެ ތުހުމަތުގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާކޮށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރަން ނިންމިކަން ޕީޖީ އޮފީހުން ހާމަ ކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

comment ކޮމެންޓް