ޓްރަމްޕްގެ ބައްދަލުވުމަށް ކިމް ޖޮންގް އުން މި މަހުގެ 25ގައި ވިއެޓްނާމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ފުރަތަމަ ބައްދަލުވުން ބޭއްވި މިދިޔަ އަހަރު -- ފޮޓޯ: ރޮއިޓާސް

ހަނޯއި (ފެބްރުއަރީ 17): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިމަހުގެ 25ގައި ވިއެޓްނާމަށް ވަޑައިގަންނަވާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

ޓްރަމްޕާއި ކިމްގެ ދެވަނަ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ވިއެޓްނާމްގެ ވެރިރަށުގައި މިމަހުގެ 27އާއި 28ގަ އެވެ. އެ ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އެވެ.

އެބައްދަލުވުމާ ބެހޭ މައުލޫމާތު އެނގޭ ތިން މީހަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން ކިމް ވިއެޓްނާމަށް ވަޑައިގެން އެގައުމުގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ. އަދި އެގައުމުގެ ރައީސް ނުޔެން ފޫ ޓްރޮންގްއާ ބައްދަލު ކުރައްވައި، އެގައުމުގެ ބަޚްނިންއަށާއި ސިނާއީ ސަރަހައްދެއް ކަމަށްވާ ހައިޕޮންގްއަށް ޒިޔާރަތް ކުރައްވާނެ އެވެ.

ޓްރަމްޕާއި ކިމްގެ ފުރަތަމަ ބައްދަލުވުމުގައި ލީޑަރު ކިމް ވަނީ ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ އެބައްދަލުވުމަށް ފަހު އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ނުރައްކަލެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް