ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިނުގަންނަވާތީ ޓްރަމްޕް ޝަކުވާ އޮއްސާލައްވައިފި

ރައީސް ޑޮނަލްޑް ޓަރަމްޕް

ވޮޝިންޓަން (ފެބްރުއަރީ 17) : ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިނުގަންނަވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝަކުވާ ކުރައްވައިފި އެވެ.

މިމައްސަލާގައި ޝަކުވާ ކުރައްވައި ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ކުރިން އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ބަރަކް އޮބަމާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އަހަރެއް ވެސް ނުވަނީސް ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ސުލްޙައަށް ޓަކައި އޮބާމާ ކުރެއްވި ކަމެއް ފެންނަން ނެތްކަމުގަ އެވެ. އަދި ސޫރިޔާ އާއި ލީބިޔާގައި ދާޚިލީ ހަނގުރާމަ ފެށި އެތައް ލައްކަ ބައެއްގެ ފުރާނަ ގެއްލި އެ ދެ ގައުމު ހަލާކުވާން މެދުވެރިވީ ވެސް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ސިޔާސަތުތައް ބައްޓަން ކުރި ގޮތުން ކަމަށް އެމެރިކާގެ އެތެރޭންނާއި ބޭރުން ދެކޭ ކަމަށާއި މިއާއެކު ވެސް ސުލްޙައިގެ ނޯބެލް އިނާމު ލިބިވަޑައިގަތީ އޮބަމާއަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްގައި ބޭއްވި ވަރަށް ހަލަބޮލި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ އަމަނާއި ސުލްޙައަށް ނުރައްކާކުރާ ގޮތަށް ސިޔާސަތުތައް ގެންގުޅުނު އުތުރުކޮރެޔާގެ އެ ސިޔާސަތު ބަދަލުކޮށް ސުލްހައިގެ މަގު އެގައުމުން ޚިޔާރުކުރީ އޭނާގެ ސުލްޙައަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމުގަ އެވެ. ނަމަވެސް އޭނާގެ މިމަސައްކަތް ގިނަ ފަރާތްތަކުން ބަލައި ނުގަންނަ ކަމަށް ވިދާޅުވެ ޓްރަމްޕް ޝަކުވާކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ޒަޢާމަތުގައި އެމެރިކާ އިތުރު ހަނގުރާމައެއް ނުފަށާ ކަމާއި އަދި އޭނާ މަސައްކަތްކުރައް ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަކުރަން ތިބި އެމެރިކާ ސިފައިން އަނބުރައި އެމެރިކާ އަށް ގެނައުމަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިގޮތުން ސޫރިޔާ އިން އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިޔަށްދާއިރު އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ މަސައްކަތް ފަށައި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް މަގުފަހި ކުރަމުން ގެންދާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިއީ ސުލްހައިގެ މަސައްކަތް ނަމަވެސް ޓްރަމްޕްގެ މި މަސައްކަތްތަކުގެ އަގު ވަޒަން ނުކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް އޭނާ ކުރެއްވި އެވެ. އަދި ފަހަރުގައި އޭނާއަށް ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިނުގަތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އޭނާ ސުލްޙައިގެ ނޮބެލް އިނާމަށް ނޮމިނޭޓް ކުރެވޭތޯ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށް ޓަކައި އަބޭ އަށް ޝުކުރުވެރިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އަބޭ މިމަސައްކަތް ކުރައްވާކަން އެނގިވަޑައިނުގަންވަނާ ކަމަށް ވޮޝިންޓަންގައި ހުންނަ ޖަޕާން އެންބަސީން ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް