އަނިޔާގެ ނިޝާންތަކާ އެކު، މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލީން ފެނިއްޖެ

އަނިޔާތަކަކާ އެކު ގއ. ވިލިނގިލިގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:00 އެހާކަންހާ އިރު އެ ރަށް ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ޒަހަމްތަކަކާ އެކު މަރުވެފައި އޮތް 39 އަހަރުގެ ދިވެހި ފިރިހެނަކު ފެނިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، އޭނާ ފެނިފައި ވަނީ، މީހުން ނޫޅޭ ސަރަހައްދުގައި ހުންނަށް ދޯނި ބަންނަ ހަރުގެއެއްގެ ތެރެއިން ކަމަށެވެ.

މަރުވެފައިވާ މީހަގެ ހަށިގަނޑު މިހާރު އޮތީ ގއ. އަތޮޅު ހޮސްޕިޓަލުގަ އެވެ.

ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލުވެ ހުންނެވި ޝަމްވީލު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ހެނދުނު 7:15 ހާއިރު މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެވުނު ކަމަށާއި ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ. އިތުރު ތަފްސީލެއް ޝަމްވީލު ނުދެއްވަ އެވެ.

ހޮސްޕިޓަލުގައި މިވަގުތު ހުންނެވި ވިލިނގިލީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ "ސަން" ވިދާޅުވީ، އެމީހާގެ ހަށިގަނޑުގެ ބޭރު ފުށުން ވަރަށް ބޮޑަށް ޒަހަމްތަކެއް އެބަހުރި ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އޭނާ މަރާލާފައި ވަނީ ޕްލޭންކޮށްގެން ކަމަށެވެ.

"ކަރުގެ ދެ ތަނެއް ވަނީ ފިހިފައި. ފައިގައި ނަރުގަނޑެއް ފަދަ އެއްޗެއް އޯޅާފައި ހުރުމުން އެ ނިޝާންތައް އެބަހުރި. ބެލޭވޭނީ ކުރިކަމެއް ކޮށްފައި ވަނީ އޭނާގެ ފައި ބަނދެގެން ކަމަށް،" ހޮސްޕިޓަލްގައި އޮތް މަރުވެފައިވާ މީހާގެ ހަށިގަނޑު ބެލުމަށް ފަހު، ކައުންސިލް ރައީސް މުސްތަފާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މި މައްސަމަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަރުވައިފައި އޮތް މީހާއަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް ފަހުން އެ 13 މީހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް