އެމްޑީޕީ އަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން: ގާސިމް

ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އާއި އެމްޑީޕީ ރައީސް ނަޝީދު: އެމްޑީޕީ އަށް މަޖިލީހުގެ މަޖޯރިޓީ ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މަޖޯރިޓީ ދިނުމަކީ "ހެޔޮވާވަރު ކަމެއް ނޫން" ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ތިން ވަނަ ދައުރަކަށް ވާދަކުރައްވާ ގާސިމް މިރޭ ވަނީ އެ ރަށުގައި އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފަ އެވެ.

ކެމްޕެއިން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބޭކަށް ނުޖެހޭ ކަމަށާއި އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ "ހެޔޮވާވަރު ކަމެއް ނޫން" ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ކޯލިޝަނަކުން ކަމަށާއި ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކޯލިޝަނަށް [ރައްޔިތުންގެ މަޖިލީހުގެ] މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން. އެކަމަކު ހަމަ އެކަނި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެން ދިޔުމަކީ، ހެޔޮވާވަރު ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

"ރާއްޖޭގެ ލޮބުވެތި ރައްޔިތުނޭ ވިސްނާށޭ. އެމްޑީޕީ އަށް އެކަނި މެޖޯރިޓީ ލިބުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫން،"

ގާސިމް ވިދާޅުވީ، ރައްޖެ އަށް އެންމެ ފާއިދާ ބޮޑުވާނީ ސަރުކާރު ކޯލީޝަންގެ ޕާޓީތަކަށް މެޖޯރިޓީ ލިބިގެން ކަމަށާއި އެއާ އެކު އިދިކޮޅު މެމްބަރުން ވެސް ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހަށް އިންތިހާބު ކުރަން ޖެެހޭ ކަމަށެވެ.

"ކޯލިޝަނަށް މަޖިލިސް މެޖޯރިޓީ ލިބިގެން ދިޔުމާއި އަދި އޮޕަޒިޝަނަށް ވެސް ޒިންމާދާރު ކުރެވޭ ވަރުގެ އަދަދެއް ތިބޭ ގޮތަށް ރައްޔިތުން، ރައްޔިތުންގެ މަޖީލީހަށް އިންތިހާބުކޮށްދެއްވުމަކީ، އެއީ އަޅުގަނޑުމެންނަށް އެންމެ ފައިދާވާނެ، ރާއްޖެ އަށް އެންމެ ރަގަނޅުވާނެ،" ގޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީއަށް ބަހުގެ ހޫނު ހަމަލާތަކެއް!

އެމްޑިޕީއަށް ވަރަށް ބޮޑަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން ގާސިމް ވިދާޅުވި، ރިޔާސީ އިންތިހާބު ކޯލިޝަނަށް ކާމިޔާބުވެ، ވެރިކަން ލިބުމާ އެކު އެމްޑީޕީ އިން ޖުމްހޫރީ ޕާޓީ އަށް "ހެއްދެވި ނެހެއްދެވިއަށް ގޮވަން" ފެށި ކަމަށެވެ.

"ހުއްޓުމެއް ނެތި، ހުއްޓުމެއް ނެތ.ި ސޯޝަލް މީޑީއާގައި އެއްޗެހި ކިޔަނީ، ބަލަ ކާކުތޯ މިކަމާ ބިރުން އުޅޭނީ. ކޮންމެ އެއްޗެއް ކިޔަސް ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. ދުވާލުގެ އަލިއާއި ރޭގަނޑުގެ އަދިރި އެނގޭ ފަދައިން ރާއްޖޭގެ ރައްޔިތުންނަށް އެނގޭ މިވަނީ ކިހިނެތްކަން. މި ހަދަނީ ކިހިނެއްކަން،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންތެރޭ މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި ސަރުކާރުގެ ކޯލިޝަން ތެރޭގައި ވަނީ މައްސަލަތަކެއް ޖެހިފަ އެވެ.

އެއާ އެކު މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ގާސީމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ބައެއް މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލީޝަން އިން ވަނީ ޖުމްހޫރީ ޕާޓީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު މަޖިލިސް އިންތިހާބުގައި އެ ޕާޓިން ޓިކެޓްދިން ބައެއް ދާއިރާތަކުގެ ޓިކެޓް އަތުލައި އެ ދާއިރާތަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ބައެއް ދާއިރާތަކަށް "ޕްރޮގްރެސިވް ކޮންގްރެސް"ގެ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ނިންމަވައިފަ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ވަނީ އެޕާޓީގެ ފަރާތުން 86 ދާއިރާއަށް ވާދަ ކުރުމަށް ކެންޑިޑޭޓުންގެ ފޯމު ހުށަހަޅައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އަށް ދާއިރާއަށް ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ދީފައިވާ އިރު، މައުމޫން ނިސްބަތްވާ އެމްއާރު އެމް އިން 24 ދާއިރާކަށް ވާދަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް