ސެކްރެޓަރީ ޖެނެރަލް މަތީންއަށް ދިން ޓިކެޓް ވެސް ޕީޕީއެމްއިން އަތުލައިފި

ޕީއެމްގެ ސެކެޓްރީ ޖެނެރަލް މަތީން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންއާއެކު: އޭނާ އަށް އެޕާޓީން ދިން ޓިކެޓް ވަނީ އަތުލާފައި -- ފޮޓޯ/ ނިހާން

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދަށް ދިން ޓިކެޓް ވެސް "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން އަތުލައިފި އެވެ.

އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އުގޫފާރު ދާއިރާ އަށް ވާދަ ކުރުމަށް "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގެ ޓިކެޓް މަތީން އަށް ދީފައިވަނީ މިމަހު އެއްވަނަ ދުވަހު އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ މެންބަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އުނގޫފާރު ދާއިރާ އަށް އެ ކޯލިޝަންގެ ފަރާތުން ވާދަ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

އަމިއްލަގޮތުން ވާދަ ކުރެއްވުމަށް މަތީން ތައްޔާރު!

މިކަމާ ގުޅިގެން މަތީން މިއަދު "ސަން" އަށް ވިދާޅުވީ، "ޕްރޮގްރެސިވް ކޮންގްރެސް" އިން އެފަދަ ނިންމުމެއް ނިންމަވައިފަވާ ކަން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ.

މަތީން ވިދާޅުވީ، ކޮންގްރެސް ޕާޓީ އާއި ޕީޕީއެމްގެ ކޯލިޝަން އިން އެފަދަ ނިންމުމެއް ނިންމި ކަމުގައި ވިޔަސް ރައްޔިތުން އެދޭނަމަ އޭނާ ހުންނެވީ އަމިއްލަ ގޮތުންވެސް ވާދަ ކުރައްވަން ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި "ޕްރޮގްރެސިވް ކޮންގްރެސް" ކޯލީޝަނުން ތާއީދު ކުރަން ނިންމާފައިވަނީ އެ ދާއިރާގެ ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު، 18 ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާ ތަމްސީލުކުރައްވާ އިލްހާމް އަހްމަދަށެވެ.

މަތީން ވިދާޅުވީ، އުނގޫފާރު ދާއިރާ ޕީޕީއެމްގެ އިސްފަރާތްތަކުން މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެބޭފުޅުންގެ ނިންމުމަކީ އިލްހާމްއަށް ތާއީދު ނުކޮށް މަތީންގެ ފަހަތުގައި ތިއްބެވުމަށް ކަމަށެވެ.

"ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން އިންތިހާބެއް އައުމުން ޕާޓީއަށް އިހުލާސްތެރިކޮށް މަސައްކަތް ކުރަން ހުރި މީހެއްގެ އަތުން ޓިކެޓް އަތުލާފައި، ސަރުކާރު ވައްޓާލަން އުޅުނު މީހަކަށް ތާއީދު ކުރުމަކީ،" އިލްހާމްގެ ނަން ވިދާޅު ނުވެ، އިލްހާމަށް ނިސްބަތްކޮށް މަތީން ވިދާޅުވިއެވެ.

"[އުނގޫފާރު] ދާއިރާގެެ އިސްކޮށް ތިއްބެވި ޕީޕީއެމްގެ ހުރިހާ އެންމެން ނިންމީ މާތީންއާއެކު [ތިބުމަށް]. ތިމަންނަމެން މަސައްކަތް ކޮށްދިން މީހަކީ މަތީންއޭ، [އިންތިހާބަށް] ނެރެން ބޭނުންވާ މީހަކީވެސް މަތީން އޭ. [ރައްޔިތުން ބައްދަލުވުމުގައި ނިންމެވީ] ކުރިއަށް ދާން ބޭނުންވާ މީހަކީ މަތީންއޭ،" މިއަދު އެ ދާއިރާގެ ޕީޕީއެމް އިސްފަރާތްތަކުން ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ، ދާއިރާގެ ރައްޔިތުން ބުނަނީ ޓިކެޓް މުހިންމު ނޫން ކަމަށާއި ރައްޔިތުން އެގޮތަށް އެދޭނަމަށް އަމިއްލަގޮތުން އިންތިހާބުގައި ވާދަ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މަތީން އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ދަނީ އެކޯލިޝަން އިން މީގެ ކުރިން ޓިކެޓް ދިން ބައެއް ބޭފުޅުންގެ ޓިކެޓްތައްވެސް އަތުލަމުންނެވެ.

ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން އެހެން ސިޔާސީ ޕާޓީއަކާއެކު މަޝްވަރާ ކުރަމުންދާކަން މުންދު ވަނީ މީގެ ކުރިން މިއަދު "ސަން އަށް ކަށަވަރު ކޮށްދީފައެވެ.

އަދި އެ މަޝްވަރާތަކަށްފަހު ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ބައެއް ގޮނޑިތައް ދޫކޮށްލަން ނިންމާފައިވާކަމަށްވެސް މުންދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/115545

comment ކޮމެންޓް