އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގެންފި

އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީއިން ހުށަހެޅި 86 ކެންޑިޑޭޓުންގެ ފޯމުވެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް 86 ކެންޑިޑޭޓުންގެ ފޯމު ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހުއެވެ. އޭގެ ތެރެއިން މައުލޫމާތު ފުރިހަމަ ނުވާތީ 10 ފޯމެއް ވަނީ ބޭރުކޮށްލައިފައެވެ. މިހާރު އެ ފޯމުތައް އަލުން ހުށަހަޅައި އެ ފޯމުތައް ބަލައިގެންފައިވާ ކަމަށް އެމްޑީޕީއިން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުވެސް ރޭ ވަނީ އެމްޑީޕީގެ 86 ފޯމު ބަލައިގަނެފައިވާކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފައެވެ. ޝަރީފުގެ ޓްވީޓުގައި ވިދާޅުވީ އިއްޔެއާއި ހަމައަށް ޖުމްލަ 183 ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާ އަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ފުރުސަތު މިމަހުގެ 21ގެ ނިޔަލަށް ހަމަވާނެއެވެ.

comment ކޮމެންޓް