"ގޮށްރާޅު" މައިތިރިއެއް ނުވި، އަދިވެސް ރާޅު ބިންދަނީ!

ގޮށްރާޅުގެ ޕޯސްޓަރެއް--

ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" އަދި ވެސް ސްކްރީނުގައި ދައްކަމުން އެބަދެ އެވެ.

އަތޮޅުތަކަށް "ގޮށްރާޅު" އެރިއިރު މާލެ އަށް އެރި "ގޮށްރާޅު" އަދި ވެސް ދަނީ ހުއްޓުމެއްނެތި އަރަމުންނެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން ލިބިގެންދާއިރު ފިލްމު ވެސް އޮލިމްޕަހުގައި އަޅުވަމުންދަނީ ވަރަށް ފޯރިއާ އެކު އެވެ. ފިލްމުގެ އިތުރު ޝޯތަކެއް މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

މި މަހުގެ 21 އިން 23 އަށް އޮލިމްޕަހުގައި އެ ފިލްމުގެ އިތުރު ޝޯތަކެއް ވަނީ ދައްކަން ނިންމައިފަ އެވެ. އެ ތިން ޝޯއަށް ވެސް ޓިކެޓް ވިއްކަމުންދާއިރު 9911229 އާ ގުޅައިގެން ވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ. އެ ތިން ޝޯ ވެސް ދައްކާނީ ރޭގަނޑު 21:00ގަ އެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

ފަސްތަރީގެ ބޮލޮކްބަސްޓާ އެ ފިލްމު ގިނަ ބެލުންތެރިންނަށް ވަނީ ކަމުގޮއްސައެވެ.

މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފަ އެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފަ އެވެ.

comment ކޮމެންޓް