"ގަލީ ބޯއީ"ވެސް ލީކުކޮށްލައިފި

ފިލްމުގެ މަންޒަރެއް---

ރަންވީރު ސިންގް އަދި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ، ޒޯޔާ އަޚްތަރުގެ ފިލްމު 'ގަލީ ބޯއީ' ލީކުކޮށްލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކަށް ގެނައި އެ ފިލްމު ލީކްކޮށްލީ ފަހަކަށް އައިސް ފިލްތައް ލީކުކުރަމުން އަންނަ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ.

ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އައި ނަމަވެސް އެ ފިލްމު ލީކުކޮށްލުމުން ފިލްމުގެ ވިޔަފާރިއަށް ބޮޑު ގެއްލުންތަކެއް ވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ އެ ފިލްމަށް ހަތަރު ތަރި ދީފަ އެވެ. އޭނާ ބުނީ އެ ފިލްމަކީ މިހާތަނަށް ޒޯޔާ އުފެއްދި އެންމެ މޮޅު ފިލްމު ކަމަށެވެ. އަދި އޭނާ ވަނީ ރަންވީރު އަށާއި އާލިއާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

އެ ފިލްމު ވަނީ ޖަރުމަނުގައި ކުރިއަށްދާ 69 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ވެސް ޕްރިމިއާކޮށްފަ އެވެ.

ގަލީ ބޯއީ'ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރުން ދެން ފެނިގެން ދާނީ ސިދާންތު ޗަތުރުވޭދީ، ކަލްކީ ކޮއެޗްލިން، ވިޖޭ ރާޒް އަދި އަމްރުތާ ސުބާޝްއެވެ.

"ގަލީ ބޯއީ" ލީކުކޮށްލިއިރު ދާދިފަހުން ވަނީ ސޯނަމް ކަޕޫރުގެ ފިލްމު 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އާއި ކަންގަނާ ރަނައުތުގެ ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' ވެސް ލީކުކޮށްލާފަ އެވެ. އެ ދެ ފިލްމު ވެސް ލީކުކޮށްލީ "ތަމިލްރޮކާޒް" އިންނެވެ.

ގަވާއިދާ ޚިލާފަށް ފިލްމުތައް ލީކު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައިވީ ނަމަވެސް ފަހަކަށް އައިސް ރިލީޒްކުރާ ކޮންމެ ބޮލީވުޑް ފިލްމެއް އަންނަނީ ލީކު ކުރަމުންނެވެ.

comment ކޮމެންޓް