ޝަޚްސިއްޔަތު އޮޅިފައި

ތަރިކަ ލޯގޯ ކުރިމަތީގައި ސަގާފީ ހެދުމުގައި ތިބި ބަޔަކު މަޑުކޮށްލައިގެން--- ސަން ފައިލް ފޮޓޯ/

އިނގިރޭސި ބަހުގައި ބޭނުން ކުރާ އިބާރާތެއްގައި "އައިޑެންޓިޓީ ކްރައިސިސް" އެވެ ކިޔައެވެ. މި އިބާރާތް ބޭނުން ކުރަނީ ތިމާޔަކީ ކާކުކަން، ތިމާގެ ޝަޚްސިއްޔަތަކީ ކޮބައިކަން މީހަކަށް ނުވަތަ ބަޔަކަށް އޮޅިފައި އޮންނަ ހާލަތު ސިފަ ކުރުމަށެވެ.

ދިވެހި ގައުމަށް އަންނަމުންދާ ބަދަލުތަކާއި، ދިވެހިންގެ އާއްމު ވިސްނުމާއި ފިކުރުތަކަށް އައިސްފައި ވާ ބަދަލުތަކަށް ވިސްނައިލުމުން، ދިވެހި ގައުމު މިހާރު މިއޮތީ އައިޑެންޓިޓީ ކްރައިސިސްއެއް ނުވަތަ އަމިއްލަ ޝަޚްސިއްޔަތު އޮޅުމުގެ ފައްތަރެއްގައި ނޫން ބާވައޭ ހިތަށް އަރައެވެ.

ދިވެހީންނަކީ ކޮން ބައެއް ހެއްޔެވެ؟ ދިވެހިން ގަބޫލު ކުރާ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ ދިވެހީންގެ ފޮތަކީ، ގޮތަކީ، މަގަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުތަކާ މެދު ދިވެހިން އިއްތިފާގު ވާ ޖަވާބުތަކެއް އެބަހުރި ބާވައެވެ! އިވޭ އަޑުތަކަށް ބަލާ އިރު، ދިވެހީންގެ ތެރެއިން ބަޔަކަށް ދިވެހި ތާރީޚު ގަބޫލެއް ނުކުރެވެއެވެ. ދިވެހީންގެ ކާބަފައިންނާ މެދު ލަދުވެތި ވެވެއެވެ. ދިވެހި ބަހަށް އިހުތިރާމެއް ނެތެވެ. ދިވެހީންގެ ދީނާ މެދު ވެސް މަދު ބަޔަކަށް ނަމަވެސް އިތުބާރެއް ނެތެވެ. ދިވެހި ސަގާފަތަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވެއެވެ.

ގައުމެއްގެ ޝަޚްސިއްޔަތުގެ އެއް އަސާސަކީ އެ ބައެއްގެ ނަސްލީ ޝަޚްސިއްޔަތެވެ. އަނެއް އަސާސަކީ އެ ބައެއްގެ ހަޒާރަތާއި ތާރީޚާއި ތާރީޚާ ގުޅިފައި ވާ ތަރިކަތަކެވެ. އަނެއް އަސާސަކީ އެ ބައެއްގެ ސަގާފަތެވެ.

މި ކަންކަމަށް ބަލައިލާ އިރު، ދިވެހިންނަކީ އެއް ނަސްލެއްގެ، އެއް ލެޔެއްގެ އަހުލުވެރީންކަމާ މެދަކު އަދި ބަހުސް ހިނގާ މަންޒަރެއް ނުފެނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ހަމްދާއި ޝުކުރެވެ.

އަޅުގަނޑުމެންގެ ހަޒާރަތާއި ތާރީޚާއި ތާރީޚާ ގުޅިފައި ވާ ތަރިކަތަކުގެ ކަންކަމާ ވިސްނައިލުމުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ދިވެހީންގެ އެންމެ މަތިވެރި ގައުމީ ބަޠަލް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމަކީ އުޅުއްވި ބޭފުޅެއްތޯ، އެމަނިކުފާނުގެ ގައުމީ ޖިހާދުގެ ވާހަކަޔަކީ ފުލޯކެއްތޯ، މި ކަހަލަ ސުވާލުތަކެއް ދަނީ ކުރެވެމުންނެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހުރި ތާރީޚީ އާސާރުތަކުގެ ތެރެއިން މަދު ތަންތަން ފިޔަވައި ވަނީ ދިވެހީންގެ އަތުން މުގުރައި ސުންނާފަތި ކޮށްލެވިފައި ނުވަތަ އިހުމާލު ކޮށް ދޫ ކޮށްލެވިފައެވެ. އެންމެ ރީތި މިސާލަކީ އެތައް ގަރުނެއް ވާންދެން ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ޝާހީ ގަނޑުވަރެވެ. އެ ގަނޑުވަރު ޖެހުނުތާ ލަކުނު ފިޔަވައި އެހެން އެއްޗެއް މިހާރު ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ.

ދެން އޮތީ ދިވެހި ސަގާފަތުގެ ވާހަކައެވެ. ފުޅާކޮށް މާނަ ކުރާ އިރު، ސަގާފަތުގެ ތެރެޔަށް އެ ބައެއްގެ ދީނާއި، ބަހާއި އަދަބިއްޔާތާއި، އެބައެއްގެ ފަންނުވެރިކަމާއި، އަތްތެރި މަސައްކަތާއި އުފެއްދުންތެރިކަމާއި، ހެދުން އެޅުމުގެ ވައްޓަފާޅިޔާއި، ކެއިންބުއިމުގެ ގޮތްގަނޑާއި، ދުވަހީ ދިރިއުޅުން ހޭދަ ކުރާ ގޮތް ފަދަ އެތައް ކަމެއް ވަދެގެން ދެއެވެ. މީގެ ތެރެއިން ދީނާއި، ބަހާއި އަދަބިއްޔާތަކީ އޭގެ ޒާތުގައި ވަކީން މުހިއްމުކަން ބޮޑު ކަންތައްތަކެއް ކަމަށް ވާތީ، އެ ދެ ކަންތަކުގެ ވާހަކަ ވަކީން ބަޔާން ކުރެވިދާނެއެވެ. އެ ދެ ކަންތަކާ މެދު ވާހަކަ ދައްކާ އިރު، ދިވެހިންގެ ދީނަކީ މާތް ވެގެންވާ އިސްލާމް ދީން ކަމުގައި އެތައް ގަރުނެއް ވާންދެން އޮތް އޮތުން ނިމުމަކަށް އަންނަނީ ބާވައޭ ހިތަށް އަރާން ޖެހޭ ފަދަ އަޑުތައް އިވެމުން މަންޒަރުތައް ފެންނަމުން އެބަދެއެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ ހާލަތު އޮތީ އެއަށްވުރެ ވެސް ދެރަކޮށެވެ. މާލެއެއް ރަށްރަށެއް ތަފާތުވުމެއް ނެތި، މުޅި ގައުމުގެ ހުރިހާ ދިމާޔަކުން ފެންނަމުން ދަނީ ދިވެހި ބަސް އެއްލައިލެވި، ދިވެހި އަދަބިއްޔާތު ދޫ ކޮށްލެވި، ދިވެހި ބަހުގެ މަގާމު އިނގިރޭސި ބަހަށް ދެވެމުން ދާ މަންޒަރެވެ. ދިވެހި މައިންބަފައިން އެމީހުންގެ ދަރީންނާ އިނގިރޭސި ބަހުން ވާހަކަ ދައްކައި، ދިވެހި ދަރީންގެ މާދަރީ ބަހަކަށް އިނގިރޭސި ބަސް ވަމުންދާ ތަނެވެ. އެކަމާ މެދު އެ މައިންބަފައިން ފަޚުރުވެރި ވާ މަންޒަރެވެ.

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ދިވެހި ފަންނުވެރިކަމާއި، އަތްތެރި މަސައްކަތާއި އުފެއްދުންތެރިކަމާއި، ހެދުން އެޅުމުގެ ވައްޓަފާޅިޔާއި، ކެއިންބުއިމުގެ ގޮތްގަނޑާއި، ދުވަހީ ދިރިއުޅުން ހޭދަ ކުރާ ގޮތް ވެސް މިއަދު ދަނީ ބަދަލު ވަމުންނެވެ. ބިދޭސީ ގޮތްތައް ދަނީ ފެތުރެމުންނެވެ. ދިވެހި ގޮތްތައް ދަނީ މުސްކުޅި، ބޯދާ، އަދި ކަމުނުދާ ކަންކަމުގެ ލިސްޓަށް ލެވެމުންނެވެ.

މި ކަންކަން ހިނގަމުން މިދާ ގޮތަށް ބަލައިލުމުން، ދިވެހި މުވާތިނެއްގެ ހައިސިއްޔަތުން ހިތަށް ކެކުޅުން ލިބި، ސިކުނޑިޔަށް ހާސްކަން އަންނަ ގޮތް ހަމަ ގައިމު ވެސް އަޅުގަނޑަށް އެބަވެއެވެ. ދިވެހި ގައުމު "ޝަޚްސިއްޔަތު އޮޅުމުގެ" އާފާތެއްގެ ތެރެޔަށް ވެއްޓެމުންދާ ދިޔުމާ މެދު ކަންބޮޑު ވެވެއެވެ.

އަޅުގަނޑުމެން ހަނދާން ނައްތައިނުލަމާތޯއެވެ. އަމިއްލަ ޝަޚްސިއްޔަތު އޮޅިއްޖެ ބަޔަކަށް، ދުނިޔޭގައި ޝަރަފާއި އިއްޒަތާއި ކަރާމާތުގައި ދިރިއެއްނުއުޅެވޭނެއެވެ. އަމިއްލަ ގައުމީ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިއެއް ނުކުރެވޭނެއެވެ. ޝަޚްސިއްޔަތު އޮޅުމަކީ އެންމެ ނުބައި އަޅުވެތިކަމުގެ ފެށުމެވެ. އެ އަޅުވެތިކަން ނިމިގެން ދާނީ ހުރިހާ ގޮތަކުން، ހުރިހާ ކަމަކުން ތިމާމެންނަކީ އެހެން ބައެއްގެ އަޅުން ކަމުގައި ވެގެންނެވެ.

comment ކޮމެންޓް