ރައީސް ސޯލިހްގެ ދައުރު ނިމޭއިރު ރާއްޖޭގެ ދަރަނި ކުޑަކުރެވޭނެ: ރައީސް ނަޝީދު

ރައީސް ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހުިމް މުހައްމަދު ސޯލިހްގެ ދައުރު ނިމިގެންދާ އިރު ރާއްޖޭގެ ދަރަނި ކުޑަކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުުރު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީ ލިބުނަސް އެންމެ މުހިންމީ އަޅުގަނޑުމެން އަމިއްލައަށް ހޯދާ ފައިސާ އިން އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެ މިސްރާބުގައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ފަސް އަހަރު ނިމޭއިރުގައި އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ދަރަނީގެ މިންވަރު ވެސް ކުޑަކުރެވޭނެ. އާމްދަނީ އަށް ވުރެ ހަރަދު ބޯޑުވާވަރު ކޮންމެ އަހަރަކަށް އެވެސް އިރާދަކުރެއްވިއްޔާ މާބޮޑުތަނުން އަޅުގަނޑުމެންނަށް ކުޑަކުރެވިގެންދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ ދަރަންޏާ ބެހޭ ގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްއާ ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަދި ރާއްޖެ އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގައި ޗައިނާގެ މަސްލަހަތު މާބޮޑަށް ހިފެހެއްޓުމަށް މަަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ބޮޑެތި ލޯނުތައް ދީ ގައުމުތައް ދަރުވާލައި އެކި ގައުމުތަކުގެ ބިންތައް ނެގުމުގެ ސިޔާސަތެއް ޗައިނާއިން ގެންގުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި އިންޑިއާ އަށް ތައުރީފްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާކީ ރާއްޖޭގެ މަސްލަހަތާ އެންމެ ބޮޑަށް ގުޅިފައިވާ ގައުމުކަމަށެވެ.

އަދި އިންޑިއާގެ ތާރީހުގައި ވެސް އިންޑިއާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތިކުރަން މަސައްކަތް ކޮށްފައިނު ވަނީ އެ ގައުމުގެ މަސްލަހަތުގައި އެކަން ނެތުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫނާރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިންޑިއާ ދަތުރުގައި ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ޖަވާހިރުލާލް ނެހެރޫ ޔުނިވާސިޓީގައި އެމަނިކުފާނު ވަނީ ތަގުރީރު ދެއްވައިފަ އެވެ.

ތާރީހުން އެނގޭ ގޮތުގައި އިންޑިއާގައި ތަފާތު ވެރިކަންތައް އޮތް ޒަމާނުގައި 1752ގައި މަލާބާރީން ވަނީ ރާއްޖެ ހިފައިފަ އެވެ. ނަމަވެސް އެ މީހުންނަށް ވެރިކަމުގައި ދެމި ތިބެވުނީ ދެތިން މަސް ވަންދެންނެވެ. އޭގެ އިތުރުން 1600ގެ އަހަރުތަކުގައި ރާއްޖެ އަރައި ބޮޑުތަކުރުފާނުގެ ދަރިކަލުން އިބްރާހީމް ކަލާފާނު އަވަހާރަކޮށްލި އެވެ. ނަމަވެސް އެ ފަހަރު އެމީހުން ރާއްޖެއެއް ނުހިފަ އެވެ.

comment ކޮމެންޓް