އިންޑިއާގެ މަޝްހޫރު ބިލިއަނަރު އަދި ވިޔަފާރިވެރިޔާ އަނިލް އަމްބާނީ ކޯޓަށް "ހާޒިރު" ކުރަން ނެރުނު އަމުރަށް "ބަދަލު" ގެނައި ކަމަށް ބުނެ އެތަނުގެ ދެ މުވައްޒިފަކު ސުޕްރީމް ކޯޓުން ވަކިކޮށްފި އެވެ.
އަނިލް ކޯޓަށް ހާޒިރުވީ އެރިކްސަން އޭނާގެ މައްޗަށް ކުރާ ދައުވާއަަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލާގައި އަނިލް ސީދާ ހާޒިރުވާކަށް ކޯޓުގެ އަމުރުގައެއް ނުވެ އެވެ.
ނަަމަވެސް ސުޕްރީމް ކޯޓުގެ ދެ މުވައްޒިފުން ކަމަށްވާ މާނަވް ޝަރުމާ އަދި ތަޕަން ކުމާރު، އެ އަމުރު ކޮމްޕިއުޓަރުން ލިޔުނު އިރު އަމުރުގައި ލިޔެފައި އޮތް ލަފްޒު "ނޮޓް" ލިޔެވިފައެއް ނެތެވެ. އޭގެ ސަބަބުން އަމްބާނީ އަށް ފޮނުވި އަމުރުގައި ވެސް އޮތީ ކޮންމެހެންވެސް ހާޒިރުވާން ޖެހޭ ކަމަށެވެ.
އެކަން ސުޕްރީމްކޯޓުގެ ބެންޗުގެ ސަމާލުކަމަށް އައުމުން އެ ކޯޓުގެ ފަނޑިޔާރު ރަންޖަން ގޮގޮއީ ވަނީ އެ މައްސަލަ ބެލުމަށް ފަހު އެ ދެ މުވައްޒިފުން ވަޒީފާ އިން ވަކިކޮށްފަ އެވެ.
ނަމަވެސް އެ މައްސަލާގައި އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެއީ ގަސްދުގައި ކުރި ކުށެއް ނޫން ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ސްވިޑިންގެ ކުންފުނި އެރިކްސަން އިން އަމްބާނީއާ ދެކޮޅަށް ދައުވާކުރީ އެ ކުންފުންޏަށް ލިބެން ޖެހޭ 550 ކްރޯޑް ރުޕީސް ނުލިބިގެންނެވެ. އަމްބާނީ ވިދާޅުވީ އޭނާގެ އަތުގައި އެވަރަށް ދޭނެ ފައިސާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެރިކްސަން އިން ބުނީ އަމްބާނީ މިހާރު ވެސް ދަނީ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން ކަަމަށެވެ.