ޝާހިދު ސައުދީއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުން --

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ތަރައްގީއަށް ސަޢޫދީ އަރަބިއްޔާއަށް ވެދެވޭނެ އެހީތެރިކަމާ މެދު މަޝްވަރާ ކުރެއްވުމަށް މިނިސްޓަރު ޝާހިދު އެ ގައުމަށް ފުރާ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.

ތިން ދުވަހުގެ މި ދަތުރުފުޅަށް ފަހު މިނިސްޓަރު ޝާހިދު މާލެ ވަޑައިގަތީ މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ވަނީ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ.

އެގޮތުން، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އިބްރާޙިމް ބިން ޢަބްދުލްޢަޒީޒް އަލްއައްސަފް އާ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، މާލޭގައި އިމާރާތް ކުރެވެމުންދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމާއި ދިވެހިންނަށް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ވިސާ ހޯދުމުގައި، އަދި ވަކިން ހާއްސަކޮށް ޙައްޖާއި އުމްރާ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމަތު ދެއެވެ.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުގައި ސައުދީ ޢަރަބިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީން ކަން އެ ގައުމުގެ ފޮރިން މިނިސްޓަރު އަލްއައްސަދް ދެއްވި ކަމަށް ފޮރިން މިނިސްްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ، އެ ގައުމުގެ ކޮމާސް އެންޑް އިންވެސްޓްމަންޓް މިނިސްޓަރު ޑރ. މާޖިދް ބިން ޢަބްދުﷲ އަލް ޖަސަބީއާ ވެސް ބައްދަލުކުރައްވައިފަ އެވެ. ދެގައުމު ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ދިވެހި ވިޔަފާރިވެރިންނާއި ސަޢޫދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޟްގައި ބޭއްވުމާ ގުޅޭ ގޮތުން ވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޝާހިދު ވަނީ އެގައުމުގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓަޒް ގެ އެޑްވައިޒަ އަދި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗެއަރމަން، އަޙްމަދް ބިން އަޤީލް އަލް ޚަތީބްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ޗެއާމަން އަލް ޚަތީބް އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ޝާހިދު ޙިއްސާ ކުރެއްވި އެވެ. އަދި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއި އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން، މަސްވެރިކަމާއި ހައުސިންއާއި ގުޅޭ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާތީ، އެކަމާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަފުޅުދައްކަވާ، އެމަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އިތުރު މަޝްވަރާތައް ކުރެއްވުމަށް އެފަންޑުގެ އިސް ބޭފުޅުންގެ ޓީމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އޭނާ ވަނީ އެ ގައުމުގެ އެހެނިހެން އިސްވެރިނާވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ސައުދީ އެމްބަސީއަށް އޭނާ ޒިޔާރަތް ކުރެއްވި އެވެ.

މި މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ހާރިޖީ ވުޒާރާއާއި ސައުދީ އަރަބިއާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް