ކޮރަޕްޝަނާ ދެކޮޅަށް ރައީސްގެ ފިޔަވަޅު ގަދަ

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރައްވާ ޖީހާން މަހްމޫދްގެ ކެމްޕެއިން ލޯންޗު ކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެކަމާ ގުޅިގެން "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ކެމްޕޭންއެއް ވެސް ރައީސް ވަނީ އިފްތިތާހްކޮށްދެއްވައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ އޭސީސީގެ ރިޕޯޓްގައި ހުރި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތައް ޝަރީއަތަށް ފޮނުވައި އެކަމުގައި ސީދާ ޝާމިލްވާ ފަރާތްތައް ހޯދައިދިނުމަށް އެ މުވައްސަސާއަށް ގޮވާލައްވައިފަ އެވެ.

އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އެހާ ދުވަސްވަންދެން ހާމަ ނުކޮށް ބޭއްވި ސަބަބާ މެދު ވެސް ރައީސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރައީސް ކުރަައްވަމުންގެންދަވާ މަސައްކަތްތަކަށް ގިނަ ބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ.

އެގޮތުން ޓުވިޓާ އަދި ފޭސްބުކުގައި ވެސް ގިނަ ބަަޔަކު ދަނީ ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ތައުރީފުކޮށް ޝުއޫރުތައް ބަޔާންކުރަމުންނެވެ.

އޭސީސީ އިން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި އެ ހިޔާނާތުގެ ފައިސާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ދެ ބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާތީވެ، އެ ދެ ބޭފުޅުންގެ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްއަކީ ފިޔަވަޅު އެޅުމުގައި އެއްވެސް ފަސްނުޖެހުމެއް ނެތް ބޭފުޅެއް ކަމަށެވެ. އަދި މިއީ ކޮރަޕްޝަނާ ދެކޮޅަށް އެއްވެސް ގަލެއް ނުފޮރޮޅައި ނުބޭއްވުން ކަމަށް އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.

"އެފަދަ ކެރޭ ރައީސްއަކު މީގެ ކުރިން ވެސް މިހާރު ވެސް ފެނިގެންދަނީ ވަރަށް މަދުން." އޭނާ ވިދާޅުވި އެވެ.

މުއިއްޒުއެކޭ އެއްމޭރުމަކުން ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސޫދު ވެސް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލައިގެ ތުހުމަތު ކުރެވޭ މަހުލޫފު ގޭގައި މަޑުކުރުމަށް އެންގުމުން އެކަމަށް ތައުރީފްކުރައްވައި އޭނާ ވިދާޅުވީ ރައީސް މަސައްކަތަށް ސާބަސް ދޭން ޖެހޭ ކަމަށެވެ.

"ގަދަ! މިވަރުގެ ރަނގަޅު މެސެޖެއް މި ގައުމުގެ ވެރިޔަށް މި ގަރުނުގައި ވެސް ދެވިފައެއް ނެތް." ސޫދު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް ވެސް ވަނީ ތާއިދުކުރައްވައިފަ އެވެ. އެހެން ނަމަވެސް ޖަމީލު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އެމްއެމްޕީއާރުސީގެ މައްސަލައިން ހަމައެކަނި ނިންމާލެވެންނެތް ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިންގަފައިވާ ކަަމަށް ޖަމީލް ވިދާޅުވި އެވެ.

" އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައި އެބަހުރި ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތައް ނައްތާލައި، ގާނޫނު އަސާސީ ބަދަލުކޮށް ނާއިބު ރައީސް މަގާމުން ދުރުކުރުމަށް ވެސް. އޭގެން ފައިސާ ލިބުނު މީހުން އަދިވެސް ސަރުކާރުގެ މަގާމުތަކުގައި އެބަތިބި." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް