އޭސީސީގެ ރިޕޯޓު އާންމުކުރުން ލަސްވީ ކީއްވެތޯ ރައީސް ސުވާލު ކުރައްވައިފި

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި -- ފޮޓޯ: އެމްޑީޕީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަހުގީގގެ ރިޕޯޓު އާންމު ނުކޮށްލަސްވި ސަބަބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަހުމޫދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ތިން އަހަރު ވަންދެން ރިޕޯޓު އާންމުނުކޮށް ބޭއްވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެއްގޮތަކުން ރަނގަޅު. އެހެންނަމަވެސް ސުވާލަކީ، ތިން އަހަރު ގާތްގަނޑަކަށް އެ ބަލާ ނިންމާފައި ފޮރުވާފައި ބޭއްވީ ކީއްވެތޯ؟ މިއަދުތޯ އެ އިއުލާނު ކުރަންވީ؟" ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރަންޖެހޭހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތަހުގީގު ރިޕޯޓު އޭސީސީ އިން އާންމު ކުރީ މިއަދުއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މި ސަރުކާރުގެ ބައެއް ފަރާތްތަކުގެ އެކައުންޓަށްވެސް ހިޔާނާތުގެ ފައިސާ ވަނީ ވަދެފައެވެ.

އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށާއި ކުށްވެރި ނުވާ މީގުންވެސް ހާމަކޮށްދިނުމަށް ރައީސް ވަނީ އޭސީސީ އަށް ގޮވާލައްވައިފައެވެ.

"ކުށްވެރިނުވާ ފަރާތްތަކަކީ އިހުލާސްތެރިކަމާއެކީ އެއްވެސް ކުށެއްނެތް ބަޔެއް ކަމުގައި ކަނޑައަޅުއްވައިދެއްވާށޭ. އެހެންނޫނީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް އަނެއްކާވެސް މިގައުމު ވެއްޓޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

https://sun.mv/115483

ޖުޑީޝަރީ އިސްލާހު ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް