ހިޔާނާތުގެ މައްސަލަ އެސްއޯއެފް އެކައުންޓާ ހަމައަކުން ނުނިމޭ!

އެމްއެމްޕީއާރުސީ އޮފީސް:-- ސަން ފައިލް ފޮޓޯ

މިގައުމުގައި ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ބޮޑުބައި ޖަމާވެފައި ވަނީ އެސްއޯއެފް އެކައުންޓަށެވެ. އެސްއޯއެފްއަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮންނަ ކުންފުންޏެވެ.

އެތައް މިލިއަން ޑޮލަރެއްގެ ޓްރާންސްކެޝަންސް ތަކެއްވަނީ އެ އެކައުންޓު މެދުވެރިކޮށް ކޮށްފަ އެވެ. އިއްޔެ އޭސީސީ އިން ވަނީ އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެހެން އެކައުންޓުތަކުގެ ނަމްބަރާއި ނަމާ އެކު އާންމުކޮށްފަ އެވެ. ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ މީހުންގެ ނަންތައް ވަނީ އެ ލިސްޓަށް އަރައިފަ އެވެ. މިސަރުކާރުގެ އިސްސަފުގައި ތިބި ބައެއް މީހުން ވެސް ހިމެނެ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އެ ބޮޑު ކޮރަޕްޝަނުގެ ފައިސާގައި ޖެހުނު މީހުންނަކީ ހަމައެކަނި އެއީތޯ އެވެ. އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތައް ފިޔަވައި އެހެން މީހުން އެ ފައިސާގައި ނުޖެހޭތޯ އެވެ. ހަމަ ޔަގީނުން ވެސް އެއީ ފުރިހަމަ ތަހުގީގެއް ނޫން ކަމަށް އެންމެން ވެސް ގަބޫލުކުރާނެ އެވެ.

ޑޮލަރު މާރުކޮށްފައި ލިބުނު ފައިސާއަށް ވީގޮތެއް ނޭނގޭ!

އެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ބޮޑުބައި ޖަމާވެފައި ވަނީ އެސްއޯއެފް އަކުންޓަށްކަން އޭސީސީގެ ތަހުގީގު ރިޕޯޓުން އޮތީ ފެންނާށެވެ. ރަށްތަކާއި ފަޅުތަކުގެ ތެރެއިން 57 ތަނެއް ކުއްޔަށް ދީގެން 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ކަމަށް ބޭންކް ސްޓޭޓްމެންޓްތަކުން ދައްކަނީ 12 މިލިއަން ޑޮލަރެވެ.

ދެން އެ ރިޕޯޓުން ފެންނަން އޮތީ އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި އެކައުންޓްތަކާއި އެ އެކައުންޓުތަކުގެ ވެރިންގެ ނަމްބަރެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ހިމެނެ އެވެ.

ނޮވެމްބަރު 15، 2018: މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރިޕޯޓު އާންމުވުމާ އެކު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އޭނާގެ އާއިލީ ބޭފުޅަކު ހިންގި ފިހާރައަކަށް ބޭނުން ވެގެން ޑޮލަރު ގަތް ފައިސާ ކަމަށެވެ. އެ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކުރީ އޭނާގެ އަތުގައި ޑޮލަރު އެކައުންޓެއް އޮތުމުން ކަމަށް ވިދާޅުވި އެވެ. އަދި ޑޮލަރު ޖަމާކުރި ގޮތް އަންގައިދޭ އިންވޮއިސްއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

މަހުލޫފު ޑޮލަރު ގަތް ނަމަ އެ ފައިސާ އެސްއޯއެފްއަށް ދީފައި ހުންނާނެތާ އެވެ. އެކަމަކު އެ ފައިސާއަށްވީ ގޮތެއް އޭސީސީގެ ތަހުގީގު ރިޕޯޓަކުން ސާފެއް ނުވެ އެވެ. އަދި އެފައިސާއަށް ވީގޮތް ހޯދުމަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ވެސް ނުވެ އެވެ. މަހުލޫފު ވިދާޅުވާ ގޮތުން އޭސީސީ އިން އޭނާއާ އެކަމާ ގުޅިގެން ސުވާލެއް ނުކުރެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ފުރިހަމަ ނުކުރެވޭ ކަމަށް އޭސީސީ އިން މީގެ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މައްސަލާގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު ރާއްޖޭން ބޭރުގައި ފިލާ ތިބުމެވެ. އޭސީސީ އިން އެ ފާހަގަކުރީ އައްލާމް ލަތީފާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އެސްއޯއެފްގެ ހިއްސާ އޮންނަ ބަޔަކު ރާއްޖޭން ބޭރުގައި ތިބި ވާހަކަ އެވެ.

އެސްއޯއެފްގެ އެކައުންޓުން މުޅިން ވެސް މީހުންނަށް ޑޮލަރު ޓްރާންސްފާ ކޮށްފައި ހުރީ ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކުގައި ކަމަށް އެންމެން ދަނީ ބުނަމުންނެވެ. އެސްއޯއެފްއަކީ ޑޮލަރު ގަނެ ވިއްކުމަށް ރެޖިސްޓްރީކޮށް އެކަމުގެ ހުއްދަ އޮންނަ ކުންފުންޏެއް ނޫނެވެ. ނަމަވެސް ދައުލަތުގެ ބައެއް ވެރިންނާއި ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނާއި އެމީހުންގެ ގާތް ތިމާގެ މީހުން އަދި ގައުމުގެ ބޮޑެތި ވިޔަފާރިވެރިން އެންމެ ގިނައިން ޑޮލަރު ގަތް ކުންފުންޏަކަށް މިވީ އެސްއޯއެފް އެވެ.

ފަނޑިޔާރުން ވަކިކުރި ވޯޓުގައި ލާރިނެގި މެމްބަރުން ކޮބާ؟

ފާއިޒު އަދި މުއަތަސިމް

އޭސީސީ އިން ހާމަކުރި އެމްއެމްޕީއާރުސީ ރިޕޯޓުން އެނގުނުގޮތުން ރައްޔިތުންގެ މަޖިލީހުން 2014 ވަނަ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ވަކިކުރަން ދިން ވޯޓާ ދިމާކޮށް މެމްބަރުންތަކަކަށް ފައިސާ ދިނެވެ.

އޭސީސީގެ ތަހުގީގަށް މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ވޯޓު އޮތް ދުވަހުގެ ކުރީ ދުވަހު އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެގެން 10 މިލިއަން ރުފިޔާ ދިން ކަމަށެވެ. އަދި އެ ފައިސާ އަކީ މަޖިލީހުގައި އޮތް އެ ވޯޓާ ދިމާކޮށް މެމްބަރުންނަށް ދިނުމަށް ގެންދިޔަ ފައިސާކަން ފަހުން އެނގުނު ކަމަށް ރާފިއު ވަނީ ވިދާޅުވެ އެވެ.

އުފެދޭ ސުވާލަކީ ރާފިއު އެ ވިދާޅުވާ 10 މިލިއަން ރުފިޔާ ދިނީ ކޮންކޮން މެމްބަރުންނަކަށްތޯ އެވެ. އެ ފައިސާ ދިން ބައެއް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ނުވެ އެވެ. އަދި އެކަމާ ގުޅިގެން އެހެން މީހަކާ ސުވާލު ކުރިކަން ވެސް އެނގޭކަށް ނެތެވެ.

އެ ރިޕޯޓު އާންމު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެ ފައިސާ ދިނީ ކޮން މެމްބަރުންތަކަކަށްތޯ ސުވާލުކޮށްފަ އެވެ. ފުރިހަމަ ތަހުގީގީ ރިޕޯޓެއް ނަމަ އެ ފައިސާ ގޮސް ނިމުނު ހިސާބެއް އޭސީސީ އަށް ހޯދެން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލު ކުރެވެ އެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ނުވަތަ އެސްއޯއެފްގެ އެކައުންޓާ ހަމައިން ހިޔާނާތުގެ ތަހުގީގު ނުނިމޭނެ ކަމަށެވެ. ފައިސާ ގޮސް ވަތް ތަނަކާއި ރިޝްވަތު ދިން މީހުންނާއި ރިޝްވަތުގައި ހިފި މީހުން ސާފުވާން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި ރިޝްވަތު ދީފައި ވަނީ ކޮން ކަމެއް ހާސިލު ކުރުމަށް ކަން ސާފުވާން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ފައިސާގައި ޖެހުނު މީހުން ކޮބާ؟

މަޖިލީހުގައި ރިޝްވަތު ދީގެން ގާނޫނު އަސާސީ އަށް ބަދަލު ގެނަން މެމްބަރުންނަށް ރިޝްވަތު ދިން ވާހަކައާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާގާމަށް ގެންނަން ނެގި ވޯޓަށް މެމްބަރުން ފައިސާގައި ހިފި ވާހަކައަކީ އާންމުކޮށް މީހުން ދައްކާ ވާހަކަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ނުޖެހޭ މެމްބަރުން މަދުވާނެ ކަމަށް ގިނަ މީހުން ބުނެ އެވެ.

އެނގިފައިވާ ގޮތުން ރިޝްވަތުގެ ފައިސާ ދިން މީހުންގެ ލިސްޓެއް އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަކުން ވަނީ ހޯދައިފަ އެވެ. އެ ލިސްޓަކީ އަދީބުގެ ފޯނުން ލިބުނު މައުލޫމާތަށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަން ވެސް އެނގިފައިވެ އެވެ. ސުވާލަކީ އެ ލިސްޓު ކޮބާތޯ އެވެ. އޭސީސީއިންނާއި ފުލުހުން އެ ލިސްޓު އާންމު ނުކުރަނީ ކީއްވެތޯ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށް ހުކުމް ކޮށްފައި ވަނީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު އާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށެވެ. ހަގީގަތުގައި އެ ތިން މީހުންނާ ހަމައިން ނުވަތަ އޭސީސީ އިން ހާމަ ކުރި އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާކުރި މީހުންނާ ހަމައިން ހިޔާނާތުގެ މައްސަލަ ނުނިމެ އެވެ. ރިޝްވަތުގެ ފައިސާގައި ޖެހުނު މީހުން، ފައިސާ ނެގި ސަބަބު، ރައްޔިތުންނަށް އެނގެން ޖެހެ އެވެ. އެ މައުލޫމާތު އިދާރާތަކުން ހާމަކުރަން ވެސް ޖެހެ އެވެ.

comment ކޮމެންޓް