ލަންކާއިން ޖައްލާދުން ހޯދަން ފަށައިފި

ލަންކާގެ ޖަލުތަކުގައި މަރަށް ހުކުމްކޮށްފައިވާ 1،300 މީހުން އެބަތިބި -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ފެބްރުއަރީ 14): ލަންކާއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމުގެ ގޮތުން ޖައްލާދުން ހޯދަން ފަށައިފި އެވެ.

ލަންކާއިން ޖައްލާދުން ހޯދުމަށް ޑެއިލީ ނޫހުގައި ޖަހާފައިވާ އިޝްތިހާރުގައި ވަނީ އެވަޒީފާ އަދާ ކުރާ ފަރާތްތަކަށް 36،310 ރުޕީސް (158 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ. އަދި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ، "ނަފްސާނީ ގޮތުން ވަރުގަދަ" ކޮންމެ މީހަކަށްވެސް އެވަޒީފާ އަދާ ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ލަންކާގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުތަކުން މަރަން ހުކުމް ކުރި ނަމަވެސް، 1976ގެ ފަހުން އެހުކުމް ތަންފީޒެއް ނުކުރެ އެވެ. ނަމަވެސް މިމަހުގެ ހަތެއްގައި އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިއަށް އޮތް ދެ މަސް ތެރޭ މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވީ މިދިޔަ މަހު ފިލިޕީންސަށް ވަޑައިގެން އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރެއްވައި، އެގައުމުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ"އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. ސިރިސޭނާ ވަނީ އޭނާވެސް ބޭނުންފުޅު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅު އަޅަން ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ޖަލުތަކުގައި ތިބި މަރަން ހުކުމްކޮށްފައިވާ މީހުންގެ އަދަދު މިހާރު 1،300އަށް އަރަ އެވެ.

comment ކޮމެންޓް