ރާއްޖޭގައި ސިޒޭރިއަން ހަދާވަރު ވަރަށް ގިނަ: ހެލްތު މިނިސްޓަރު

މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭއާ ބެހޭ ގޮތުން ނެރުނު ފޮތް ފައިސަލް އަދި އަބްދުﷲ އަމީން ނެރެދެއްވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ސިޒޭރިއަށް ހަދާވަރު ވަރަށް ގިނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮގްރާފިކް ހެލްތު ސާވޭ އިފްިތިތާހްކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވިހެއުމުގައި ސިޒޭރިއަށް ހަދާ މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ.

" ގާތްގަނޑަކަށް 40 އިންސައްތަ ބޭފުޅުން ސިޒޭރިއަށް ހައްދަވާ" އަމީން ވިދާޅުވިއެެވެ.

ސިޒޭރިއަންއަކީ ދަރިފުޅަށް ނުވަތަ މައިމީހާއަށް ވިހެއުމުގައި ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި ކުރާ ސާޖަރީއެކެވެ. އެ ސާޖަރީ ކުރަނީ މައިމީހާގެ ބަނޑުން ތަންގަނޑެއް ފަޅާލައިގެންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އިފްތިތާހްކުރި ސާވޭގެ ސަބަބުން އަޅުގަނޑުމެން އާންމު ދިރިއުޅުމާއި އާންމު މާހައުލުގެ އަދި ގޭތެރޭގެވެސް ކަންކަން ގެންގުޅުމުގެ ވަރަށް ގިނަ މައުލޫމާތުތައް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

" ވަކިން ހާއްސަކޮށް އަޅުގަނޑަށް ފާހަގަކޮށްލެވޭ ގޭތެރޭގެ މާހައުލުގައި ޑޮމެސްޓިކް ވައިލަންސް ފަދަ މުހިންމު މައުލޫމަތުތައްވެސް މީގެތެރޭގައި ފާހަނގަކޮށްފައިވޭ. އަދި މި ނޫންވެސް އެކި އެކި ދާއިރާއިން." އަމީން ވިދާޅުވިއެވެ.

އަދި އެފަދަ ބޮޑު ގޮތަކަށް މިއަދު އެ ހަފްލާ ކުރިއަށްގެންދަން ނިންމީވެސް ސަރުކާރުގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަވެސް އެފަދަ މައުލޫމާތުގެ އަލީގައި ސިޔާސަތު ކަނޑައެޅުމަކީ މުހިންމުކަމަކަށްވާތީ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މިއަދު އިފްތިތާހްކުރި ސާވޭއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އާބާދީއާއި ސިއްހަތާ ގުޅުން ހުރި މައިގަނޑު ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެ ފަސްއަހަރަކަން އެއްއަހަރު ގައުމުތަކުގައި ކުރާ ދިރާސާއެކެވެ. އަދި މިއީ ގައުމީ ފެންވަރެއްގައި ރާއްޖޭގައި ކުރާ އެންމެ ބޮޑު އެއް ސާވޭކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ސާވޭއާ ބެހޭ ފޮތެއްވެސް މިއަދުގެ ހަފްލާގައި ވަނީ ނެރެފައެވެ.

comment ކޮމެންޓް