އިންޑިއާގެ ދަނޑުވެރިންނަށް ގެރީގެ އުނދަގޫ އިންތިހާއަށް

އިންޑިއާގ ގެރިތަކެއް--- ފޮޓޯ: ރޮއިޓާސް

އިރު އޮއްސުމާ އެކު އިންޑިއާގެ އަވަށެއް ކަމަށްވާ ގޯޕީ ޗާންދު ޔާދޭވްއަށް އޭނާގެ މަސައްކަތް ފެށުނީއެވެ. ކިތަންމެ ކުރާހިތް ނުވިނަމަވެސް މިއީ ކޮންމެހެން އޭނާއަށް ކުރަން ޖެހިފައިވާ ކަމެކެވެެ. ފިނިން ރައްކާތެރިވުމަށް ބެޑްޝީޓެއްގައިގައި އޮޅާލައި، ޓޯޗެއް ހިފައިގެން ކުޑަ ކުޑަ ފިލައިން ހަދާއިފައިވާ އައްޓެއްގައި އޭނާ ކޮންމެ ރެއަކުހެން އިންނަން ޖެހެ އެވެ. އޭނާގެ މަސައްކަތަކީ ދަނޑަށް އަންނަ ގެރިތައް ފެއްސުމެވެ. އެހެން ނޫނީ އެތަނުގައި ހައްދާ ގޮވާމުގެ ބާވަތްތައް ގެރިތައް އައިސް ކާލާނެ އެވެ.

ގޯޕީ ފަދައިން އިންޑިއާގެ ކިތަންމެ ދަނޑުވެރިއަކު، އެމީހުންގެ ދަނޑުތައް ގެރީގެ ކިބައިން ރައްކާތެރިކުރުމަށް ހޭލާ ތިބެއެވެ. އެއީ ކިތަންމެ ގަދަ ފިންޏެއް ތަހައްމަލުކުރަން ޖެހުނަސް ކުރަން ޖެހޭ ކަމެކެވެ. ހާއްސަކޮށް ދަނޑުވެރިން ހައްދާ ބާވަތްތަކުގެ އަގުތައް ވެއްޓިފައި ވާތީ، އެކަމަށް ތިބެނީ ވަރަށް ބޮޑަށް ސަމާލުވާން ޖެހިފަ އެވެ.

އިންޑިއާގެ އެކި ހިސާބުތަކުން ގެރިތައް އަބަދުވެސް ފެނެ އެވެ. ނަމަވެސް ދަނޑުވެރިން ބުނީ ފާއިތުވި އަހަރުތަކުގައި އެގޮތަށް އެތަން މިތަނުގައި ހޫރޭ ގެރިތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި އޭގެ އަސްލަކީ އިންޑިއާގެ ވެރިކަމަށް ބީޖޭޕީން އައިސް ގެންގުޅެއް ފެށި ހަރުކަށި ސިޔާސަތުތަކެވެ.

އިންޑިއާގެ ސަރުކާރުން ހިންގާ ގެރީގެ ހިޔާވަހިތަކެއް-- ފޮޓޯ: ރޮއިޓާސް

ބީޖޭޕީ އިން ވެރިކަމަށް އައިފަހުން، އެމީހުންގެ ސަޕޯޓް ރަށްފުށުގައި އިތުރުކުރުމަށް ޓަކައި ގެރިއަށް، އިންޑިއާގައި ކުރިން ނުދޭވަރުގެ އަހައްމިޔަތެއް ދަނީ ދެމުންނެވެ. އަދި މިއީ ސަރުކާރުން އެންމެ ބޮޑަށް އަހައްމިޔަތުކަމެއް ދޭ އެއްކަމެވެ. ނަމަވެސް ފަހަކަށް އައިސް އިންޑިއާގެ ހިންދޫ ދީނުގެ ދަނޑުވެރިން ވެސް އެ ސިޔާސަތުތަކުގެ ސަބަބުން ދަނީ އިންތިހާއަށް އުނދަގޫވަމުންނެވެ.

"މީގެ ކުރިން ވެސް މައްސަލަތައް ހުރޭ، މިހާރު އަނެއްކާ ސަރުކާރުން އަނެއް އުނދަގޫ އަހަރުމެންނަށް ޖެއްސީ. މިގޮތަށް ގެރީގެ އުނދަގުލުން ސަލާމަތްވުމަށް ތިބެން މީގެ ކުރިން އަހަރުމެންނަކަށް ނުޖެހޭ،" އިންޑިއާގެ ކަކްރިޕޫރުގް ދަނޑުވެރިއެއް ކަމަށްވާ ބާބުރާއޯ ސައިނީ ބުންޏެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްއާއި މަހާބަންއަށް ނިސްބަތްވާ 50 ދަނޑުވެރިއަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ ކުރިއަށް އޮތް އިންތިހާބުގައި މޯދީއަށް ވޯޓު ދިނުމާމެދެ ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށެވެ. އިންޑިއާގެ ޕާލިމަންޓަރީ އިންތިހާބު މޭމަހު އޮންނަ އިރު މޯދީއަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް މުރާސިލުމް މިހާރު ވެސް ދަނީ ބުނަމުންނެވެ.

މީގެ ކުރިން ވެސް މޯދީއަށް އިންޑިއާގެ ދަނޑުވެރިން ވޯޓު ދީފައި ވަނީ އެމީހުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށް ބުނެފައިވާތީ އެވެ. އެގޮތުން އުއްތަރު ޕްރަދޭޝްގެ 80 ގޮނޑީގެ ތެރެއިން 73 ގޮނޑި މޯދީ ކާމިޔާބުކުރައްވައިފައިވެ އެވެ. ނަމަވެސް ވެރިކަމަށް މޯދީ ވަޑައިގަތުމަށްފަހު ވެސް ދަނޑުވެރިންނަށް އެމީހުންގެ ދަނޑުގޮވާންތަކަށް ހަމަ އަގު ވަނީ ލިބޭގޮތް ނުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި ބޭއްވި އިންތިހާބުގައި ވެސް ބީޖޭޕީއަށް އިންޑިއާގެ އެންމެ އުތުރު ސްޓޭޓްތަކުން ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ސަރަހައްދުތަކަކީ ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ސަރަހައްދުތަކެއް ވެސްމެ އެވެ.

އިންޑިއާގެ ވެރިކަމަށް މޯދީގެ ސަރުކާރު އައުމާއެކު ގެރި ކަތިލުމާ ދެކޮޅަށް ވަނީ ވަރުގަދަ ކެމްޕޭންއަށްވެސް ފަށައިފަ އެވެ. އޭގެ ސަބަބުން ގެރިކަތިލާކަމަށް ބުނެ މުސްލިމުންނަށް ވަނީ މަރުގެ ހަމަލާތައްވެސް ދިނުން އާންމުވެފަ އެވެ. އޭގެ ސަބަބުން ގެރިމަގުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށް ވެފަ އެވެ.

އިންޑިއާގެ ދަނޑުވެރިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ ގެރިއަކީ އެމީހުންގެ ދީނުގައި މާތް އެއްޗެއްކަމަށް ގަބޫލުކުރާ ކަމަށާއި އެހެެންނަމަވެސް ގެރިމަހުގެ ވިޔަފާރި މުޅިން ހުއްޓުމުން އޭގެ އަސަރު އިންތިހާއަށް ކުރާ ކަމަށެވެ. އަދި ގެރިތައް ބެލެހެއްޓުމަަށް ސަރުކާރުން ހާއްސަ ތަންތަން ހަދަން އިރުތަށް ހަދަން ޖެހޭ ކަމަށް އެމީހުން ބުނެ އެވެ.

އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ރާޖޭޝް ޕަހަލްވާން ބުނީ އެގައުމުގައި ތަކެތީގެ އަގު އިންތިހާއަށް އިތުވެރިވެފައިވާ ކަމަށާއި އަދި ގެރިން ކިރު ލިބުން ހުސްވުމުން އެ ގެރިތައް ބެލެހެއްޓުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ.

އިންޑިއާގައި ކޮންމެ އަހަރަކު ވެސް ތިން މިލިއަނެއް ހާ ގެރިން ކިރު ލިބުން ހުއްޓެ އެވެ. މީގެ ކުރިން ގެރިތަކުން ކިރު ލިބުނު ހުސްވުމުން، ދަނޑުވެރިން އާންމުކޮށް އެގެރިތައް މުސްލިމުންނަށް ވިއްކާ ހަދައެވެ. އެގޮތުން ގިނަ ގެރިތައްކަތިލައި ބަނގުލަދޭޝްއަށް ފޮނުވުމަކީ އާންމުކޮށްކޮށް އުޅޭ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ގެރިއާ ގުޅުން ކަންތައްތައްތަކުގައި ހަމަލާތައް ދޭވަރު އިތުރުވުމުން އެ ވިޔަފާރި ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އެހެންކަމުން ގިނަ ގެރިތަކަށް އަޅާލާނެ ބަޔަކު ނެތެވެ، ގިނަ ގެރިތައް އެކި ސަރަހައްދުތަކުގައި ހޫރެނީ އެވެ. އެ ގެރިތަކަށް އަޅާލުމަށް ތަންތަން ހިޔާވަހިތަށް ހަދާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމަށް ފުރިހަމައަށް އަމަލުކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ސަރުކާރުން މީގެ ކުރިން ވެސް 104 މިލިއަން ޑޮލަރު ގެރީގެ ވެލްފެއާ ޕްރޮގްރާމްތަކަށް ހަރަދުކޮށްފައިވެ އެވެ. ނަަމަވެސް އެކަމަށް އެއަށް ވުރެ މާބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް އިންޑިއާގެ އެކްސްޕާޓުން ބުނެ އެވެ.

"ގެރި ކަތިލުމާއި ވިޔަފާރި ސަރުކާރުން ހުއްޓުވިއިރު ސަރުކާރުން އެކަމާމެދު މާބޮޑަށް ވިސްނާފައެއް ނެތް. " ދަނޑުވެރިއެއް ކަމަށްވާ ފައުޒާން އަލްވީ ބުންޏެވެ.

އެހެން ދަނޑުވެރިއެއް ކަމަށްވާ ޗައުދަރީ ބުނީ ގެރީގެ ކަންތައްތަކާ ހެދި އެހެނިހެން ޖަނަވާރެއް އާއިލާގެ މީހަކަށް ވެސް ވިއްކަން މިހާރު އުނދަގޫ ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ހިނގަނީ ބީޖޭޕީގެ ސީދާ ނުފޫޒުން ހިންގާ ޖަމާއަތްތަކުގެ ސަބަބުން ކަމަށް އޭނާ ބުނެއެވެ.

ގެރީގެ މައްސަލަތަކުގައި ދޭ ހަމަލާތައް މޯދީ ކުށްވެރިކުރިކަމުގައި ވިނަމަވެސް އެފަދަ މީހުން އެއަމަލުތައް ހިންގަނީ ބީޖޭޕީގެ ފުރިހަމަ މަދަދާއެކު ކަމަށް އެމީހުން ބުނެއެވެ.

އިންޑިއާގެ 85 ޕަސެންޓް ދަނޑުވެރިންގެ ދަނޑުބިންތަކަކީ އާންމުކޮށް ދެ ހެކްޓަރަށް ވުރެ ކުޑަ ސަރަހައްދެެކެވެ. އެހެންކަމުން ކުޑަކުޑަ ސަރަހައްދަކަށް ގެއްލުމެއް ލިބުނަސް އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބެ އެވެ.

"މީގެ ދެ ހަފްތާކުރިން ވެސް ގެރިއެއް އައިސް އަހަރެންގެ ދަނޑުގެ ބައި ހެކްޓަރުގެ ގޮވާން ގެރިއެއް އައިސް އޮތީ ކާލާފައި. ކޮބާ އަހަރެން ދަނޑަށް ކުރި ހުރިހާ އިންވެސްޓްމަންޓްތައް. މީ ވަރަށް ބޮޑު ގެއްލުމެއް." އުއްތަރު ޕްރެދޭޝްގެ ދަނޑުވެރިއެއް ކަމަށްވާ ޗަންދްރަ ޕަލް ބުންޏެވެ.

comment ކޮމެންޓް