މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ވޯކްޝޮޕެއް އަންނަ ހަފްތާގައި ރާއްޖޭގައި

2018 ނޮވެމްބަރުގައި ބ. އަތޮޅުގައި ބޭއްވި ބާ އެޓޯލް މެންޓާ ފެސްޓިވަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ބާ އެޓޯލް ބަޔޮސްފިއާ ރިޒާވް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ވޯކްޝޮޕެއް އަންނަ ހަފްތާގައި ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ބ. އަތޮޅުގައި އޮންނަ ދިގުފަރު ރިސޯޓުގައި ބާއްވާ މި ވޯކްޝޮޮޕަކީ ޔޫރަޕުގެ ތިން ގައުމެއްގެ ޔުނިވާސިޓީއަކާ ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

އެގޮތުން ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް ލީޖް، ސްލޮވާކިއާގެ ޔުނިވާސިޓީ އޮފް އިކޮނޮމިކްސް އިން ބްރެޓިސްލާވާ އަދި ފްރާންސްގެ ދަ ޕެރިސް އިންސްޓިޓިއުޓް އޮފް ޕޮލިޓިކަލް ސްޓަޑީޒްއިން ބޭފުޅުން ބައިވެރިވާނެއެވެ.

މި ވޯކްޝޮޕްގެ މަގުސަދަކީ ކްލައިމެޓް ޑިޕްލޮމަސީ ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ ބައިނަލްއަގުވާމީ މަޝްވަރާތައް ބައްޓަންކުރާނެ އާ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. އަދ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ވަކާލާތުކުރާ ގައުމެއްގެ ގޮތުން ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.

މި ވޯކްޝޮޕަކީ ޔޫރަޕިއަން ކޮމިޝަންގެ އެޖް ޕްރޮޖެކްޓާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ވޯކްޝޮޕުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެންވާރަމަންޓް މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް 2009 ވަނަ އަހަރު ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވައިފައެވެ.

comment ކޮމެންޓް