ފިލްމު "ގޮށްރާޅު"ގައި ހިމެނޭ އައްފާންގެ "ރާޅެއްހެން" ލަވަ ދައްކާލައިފި

ފިލްމުގެ މަންޒަރެއް---

"ފިލްމު "ގޮށްރާޅު"ގައި ވީޑިއޯއެއްގެ ގޮތުގައި ފެނިގެންދިޔަ ލަވަކިޔުންތެރިޔާ އައްފާންގެ ލަވަ "ރާޅެއްހެން" ދައްކާލައިފިއެވެ.

އެ ލަވައަކީ ދިވެހިންގެ މެދުގައި އެންމެ މަގްބޫލުވި އައްފާންގެ ލަވައެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުން ނެރުނު އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު"ގައި އެ ލަވަ ހިމެނީ އެ ލަވައަކީ ފިލްމާ ގުޅޭ ލަވައަކަށް ވުމުން ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ކުރިން ބުންޏެވެ.

"ފިލްމުގެ ހާލަތާ އެ ލަވައާ ވަރަށް ގުޅޭ،"

މި ލަވައަކީ އައްފާން/ޑިންބާ މިއުޒިކްގެ ލަވައެކެވެ.

ފިލްމުގައި އެ ލަވަ ހިމެނުމުން ފިލްމު އިތުރަށް ފުރިހަމަ ކަމަށް ބައެއް ބެލުންތެރީން ބުންޏެވެ. އަދި އެ ލަވައިގެ ނަމާއި ފިލްމުގެ ނަން "ގޮށްރާޅު" އާ ވަރަށް ގުޅޭ ކަމަށްވެސް ބައެއް ބެލުންތެރިން ބުންޏެވެ.

އައްފާން ވަނީ މޯލްޑިވިއަން އައިޑަލްގެ ދެ ސީޒަނެއްގައި ޖަޖުކަންކޮށް ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައެވެ.

"ގޮށްރާޅު" މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނައިރު ފިލްމު ބެލުމުގެ ފުރުސަތު އެބައޮތެވެ. ޓިކެޓް ވިއްކުން ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށެވެ. ޓިކެޓްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރި އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ފިލްމު ބެލި މީހުން ބުނަނީ ފިލްމަކީ "މާސްޓާޕީސް"އެއް ކަމަށެވެ.

އަށާރަ އަހަރުން މަތީ ކޮންމެ އުމުރުފުރާއެއްގެ މީހަކު ވެސް "ގޮށްރާޅު"ބެލުން މުހިއްމެވެ.

ފިލްމަކީ ދިވެހި ސިނަމާއަށް އިންގިލާބެއް ގެނެސްދިން ވަރުގަދަ ފިލްމެކެވެ. "ގޮށްރާޅު" އަކީ "ބޮލޮކްބަސްޓާ"އެކެވެ.

comment ކޮމެންޓް