މަޖިލިސް އިންތިހާބުގައި އެމްއާރުމްގެ ޝިއާރަކީ "މާއްދާ ހަތަރެއް"

އެމްއާރުއެމްގެ މަޖިލިސް އިންތިހާބު ކެމްޕެއިންއާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ތަޒްމީލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ޝިއާރަކީ "މާއްދާ ހަތަރެއް" ކަމުގައި ހަމަ ޖައްސަވައިފިއެވެ.

އެ ޝިއާރު ނިސްބަތްވަނީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއަށެވެ. އެ މާއްދާގައި ބުނަނީ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

އެމްއާރުއެމްގެ މަޖިލިސް ކެމްޕެއިންއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ކެމްޕެއިން ތަރުޖަމާނު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕޭން ޝިއާރަކީ ރައްޔިތުންގެ ބާރުގެ ނަމުގައި އޮންނަ "މާއްދާ ހަތަރެއް" ކަމަށެވެ.

"[ގާނޫނު އަސާސީގައިވާ ގޮތަށް] ރައްޔިތުންގެ ކިބައިން ފެށިގެން މި އަންނަ ބާރު ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިން. އެ ބާރު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި ރައްޔިތުންގެ ހާދިމުންގެ ގޮތުގައި މަޖިލީހަށް މި ވަޑައިގަންނަވަނީ، ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެހެން ކަމުން އެމްއާރުއެމްގެ މިފަހަރުގެ [ރައްޔިތުންގެ މަޖިލީހުގެ] ހުރިހާ ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުން ކުރާނީ، މާއްދާ ހަތަރެއް،" އެމްއާރުއެމްގެ ކެމްޕެއިންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ތަޒްމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝިއާރުގެ ދަށުން ވަރަށް އަވަހަށް ރަސްމީކޮށް ކެމްޕެއިން ލޯންޗުކުރާނެ ކަމަށާއި އަދި އެ ރަސްމިއްޔާތުގައި ރައީސް މައުމޫންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެނގިގެން ދާނެ ކަމަށެވެ. ކެމްޕެއިން ރަސްމީގޮތުން ލޯންޗުކުރުން އޮންނަ ދުވަހެއް އަދި ނުނިންމަވައެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާއެކު މިހާތަނަށް 24 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

ތަޒްމީލް ވިދާޅުވީ، ރައީސް މައުމޫންގެ ތާއީދާއެކު އިންތިހާބުގައި ވާދަ ކުރެއްވުމަށް އަދިވެސް ބައެއް ބޭފުޅުން ކުރިމަތިލައްވަމުން ގެންދަވާ ކަމަށާއި މިވަގުތު 24 ދާއިރާ ކަނޑައެޅުނު ކަމުގައި ވިޔަސް އެ ދާއިރާތައް ދެގުނައަށް އިތުރުވެގެން ގޮސްދާނެ ކަމަށެވެ.

އެމްއާރުއެމްއިން ވަނީ 24 ދާއިރާގެ އިތުރުން، އިތުރު 11 ދާއިރާ އަކަށް ކުރިމަތި ނުލުމަށް ނިންމާފައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް 11 ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަށްވެސް ރައީސް އެމްއާރުއެމްގެ ނަމުގައި ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ، 11 ދާއިރާ އަކަށް ކުރިމަތި ނުލާން ނިންމެވީ، މިވަގުތު އެމްއާރުއެމް ހިމެނެނީ ހަތަރު ލީޑަރުން ހިމޭނޭ ސަރުކާރު ކޯލިޝަންގައި ކަމަށާއި އެހެންކަމުން އެ ޕާޓީތަކުން ކުރިމަތިލައްވާ ބައެއް ދާއިރާތަކަށް ކުރިމަތިނުލެއްވުމަށް ރައީސް މައުމޫން ނިންމަވާފައިވާތީ ކަމަށެވެ.

ތަޒްމީލް އިތުރަށް ވިދާޅުވީ، އެމްއާރުއެމްއިން މަޖިލިސް އިންތިހާބުގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެމްއާރުއެމްއިން ވާދަ ނުކުރައްވާ ދާއިރާތަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރައީސް މައުމޫންގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ.

comment ކޮމެންޓް